Close
ކުއްލި ޚަބަރު

ރައީސް ޔާމީންގެ ވެރިކަމުގައި އިއުލާނުކުރި ބައެއް ފްލެޓުތަކުގެ މަސައްކަތް ފަށާފައެއް ނުވޭ: އަސްލަމް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިއުލާނުކުރި ބައެއް ކެޓަގަރީތަކުގެ ފްލެޓުތަކުގެ އެއްވެސް މަސައްކަތެއް ފަށާފައި ނުވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި ހިޔާ މަޝްރޫއުގެ ދަށުން އެއް ކޮޓަރީގެ ފްލެޓުތައް ހަދާފައި ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދަން ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އަށެވެ. އެ މަޝްރޫއުގެ ދަށުން އެއް ކޮޓަރީގެ ފްލެޓުތައް އިމާރާތް ކުރަން އިއުލާންކުރީ އުމުރުން 18-40 އަހަރުގެ މީހުންނާއި ދަފުތަރާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަލަތު ކައިވެންޏަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގައި ކެޓަގަރީތަކަކަށް ބަހާލައިގެން އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓުތައް ދޫކުރަން ރައީސް ޔާމީންގެ ސަރުކާރުން ނިންމި ނަމަވެސް ހިޔާ މަޝްރޫއުގެ ދަށުން ހަމައެކަނި ހަދާފައިވަނީ ދެ ކޮޓަރީގެ ފްލެޓުތައް ކަމަށެވެ.

"މި ދަންނަވާ ކެޓަގަރީތައް އިއުލާންކޮށްފައި އޮތްކަމުގައި ވިޔަސް އެ ކެޓަގަރީތަކަކަށް ފްލެޓެއް އެޅުމުގެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވޭ. 18 އަހަރާއި 40 އަހަރާ ދެމެދުގެ އެއް ރޫމް ކެޓަގަރީ، މާލެ ރެސިޑެންސަށް އެއް ރޫމް، މާލޭ ދަފްތަރަށް އެއް ރޫމް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއް ރޫމް. އަދި އަލަތު ކައިވެންޏަށް އެއް ރޫމް. އެއް ކޮޓަރީގެ އެއްވެސް ތަނެއް ހިޔާ މަޝްރޫއުގެ ދަށުން އަޅާފަ ނެތްކަން ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއަށް އެދި 25243 ފޯމެއް ހުށަހެޅިއިރު ކެޓަގަރީތަކުން ޝަރުތު ހަމަވީ މީހުންގެ ލިސްޓު އާއްމުކޮށް ބައެއް ފަރާތްތަކަށް ލިޔުން ވެސް ހަވާލުކުރިއެވެ. ނަމަވެސް ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތުތަކާއެކު މި ސަރުކާރުން ވަނީ އެ މައްސަލަތައް ބަލަން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ.