ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގެ އިމާރާތްކުރި 7000 ފުލެޓް ދިނުން ލަސްވާތީ އާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ، މަޖިލީހުގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގިނަ ދުވަސް ތަކަަކަށް ބޮއިކޮޓް ކުރެއްވުމަށްފަހު، މިއަދުގެ ޖަލްސާއަށް ވަޑައިގެން މި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ 7000 ފުލެޓު ހަވާލު ކުރުން މި ސަރުކާރުން ލަސް ކުރަމުންދާތީ ފްލެޓުތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުންނެއް ތިބިއިރު، އަދިވެސް އެ ތަނަށް ވަދެވޭނެ ވަކި ދުވަހެއް މި ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ ހުއްޓި، ކުއްޔާއި ބިލްތައް ދެއްކުމަށް ނުކުލެދި، ރައްޔިތުން ނިކަމެތިވެ، ބިކަވެގެންދާއިރު، ވީ އެންމެ އަވަހަކަށް ހިޔާ މަޝްރޫގެ ފްލެޓުތަކަށް އެ ރައްޔިތުންނަށް ވަދެވޭނެ ގޮތް ހަދައިދިނުމަކީ ބޭނުންވެފައިވާ ކަމެއްކަމަށާއި، ވީއެންމެ އަވަހަކަށް އެ ފުލެޓްތަކުގައި ދިރިއުޅެވޭނެގޮތް އެ ފަރާތްތަށް ފަހިކޮށްދިނުމަށް އެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައްވައިފައެވެ.

މީގެ އިތުރުން މިސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާގޮތަށް އިތުރު ފްލެޓްތައް އަޅައި، ބޯހިޔާވާކަމުގެ ވައުދު ފުއްދުމަށްވެސް ޝިޔާމް ވަނީ ގޮވާލައްވައިފައެވެ.