ކޮވިޑް 19 އަށް ޕޮޒިޓިވްވި 80 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

އެޗްޕިއޭއިން ބުނީ އެއީ 80 އަހަރުގެ ދިވެއްސެއް ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 12 ވަނަ މީހާ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރޭ ފަތިހު 4:35 ގައި މަރުވި އެ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ ދެ ދުވަސް ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ދެ ވަނަ މީހާއެވެ. އިއްޔެ ވެސް އެބަލީގައި މަރުވެފައިވަނީ 77 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަކީ ވެސް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

ކޮވިޑް ޖެހިގެން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ މީހަކު މަރުވެފައެވެ. ކޮވިޑު ޖެހިގެން އެ ދުވަހު މަރުވެފައިވަނީ 92 އަހަރުގެ ދިވެއްސެކެވެ. އެއީ އެ ބަލީގައި ރާއްޖޭން މަރުވި އެންމެ ދުވަސްވީ މީހާއެވެ.

ރާއްޖޭގައި 2468 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، އޭގެ ތެރެއިން 2049 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 403 މީހެކެވެ.