އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ ކަމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަގުތީގޮތުން ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ޖަލުގައި ރައީސް ޔާމީނަށް ނުހައްގުން އެތަކެއް އަނިޔާއެއް ދެމުންދާ ދުވަހެއް ކަމަށެވެ.

އެގޮތުން މިދުވަސްވަރު އެމަނިކުފާނު އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ ކަމަށާއި އަމިއްލައަށް ހިނގާބިނގާވެ އުޅެންވެސް އެމަނިކުފާނަށް ދަތި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދޭ ގޮތުގައި ރައީސް ޔާމީން މިވަގުތު އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ. އަމިއްލަފުޅަށް ތެދުވެވަޑައިގެން ހިނގާބިނގާވެ އުޅުމަށްވެސް މިއަދު ދަތި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން މިހާރުން މިހާރަށް ގެއަށް ބަދަލުކޮށް، ރައީސް ޔާމީންގެ ޖިސްމަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ޕްރޮގްރެވިސް ކޯލިޝަނުން ގޮވާލާ ކަމަށެވެ. އަދި މިއީ އަނިޔާވެރި ވެރިކަމެއް ކަމުގައި އަބްދުއްރަހީމް ވަނީ ސިފަކުރައްވައިފައެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، އަނިޔާވެރިންނާއި އިންސާފު އަރައި ހަމަކުރާނެ ކަމަށާއި މި ވެރިކަމަކީވެސް ތާއަބަދަށް އޮންނާނެ ވެރިކަމެއް ނޫން ކަމަށެވެ. އަދި މި ވެރިކަން ނިމި އެހެން ބަޔަކު ވެރިކަމަށް އަންނާނެކަން މި ސަރުކާރުގެ އިސްވެރިން ހަނދާން ކުރަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަށް މި ސަރުކާރުން ކުރަމުންދާ އަނިޔާގެ ހިތި ރަހަ އެ ބޭފުޅުންގެ އަރުގައި ލައިފި ކަމަށާއި ދެން މަޑުން ނުތިބޭނެ ކަމަށެވެ. އެހެންކަމުން ޕްރޮގްރެސިވް ކޯލިޝަންގެ މެންބަރުންގެ ހައްގުތައް ހޯދައި، ރައީސް ޔާމީނަށް އިންސާފު ހޯދުމަށް މަގުމައްޗަށް ނުކުންނާނެ ކަމުގެ އިންޒާރުވެސް އަބްދުއްރަހީމް ވަނީ ދެއްވައިފައެވެ.

"އަޅުގަނޑުމެން ދެން މަޑަކުން ނުތިބޭނަން. މަގުމައްޗަށްވެސް ނުކުންނާނަން. ގޭގޭ ދޮށަށްވެސް ދާނަން. ވަގަށްވެސް ގޮވާނަން. އަނިޔާވެރި ސަރުކާރޭވެސް ގޮވާނަން. އިބްރާހިމް މުހައްމަދު ސޯލިހަކީ މި ގައުމު ދުށް އެންމެ ބޮޑު އަނިޔާވެރިޔާ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަކީ މަގުމައްޗަށް ނުކުމެއްޖެނަމަ ނަތީޖާ ނެރޭނެ ބައެއްކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށް ކަމަށާއި އެހެންކަމުން އަނިޔާވެރިކަން ހައްދުން ނެއްޓިގެންދާއިރު ބަލަން ނުތިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިއަދުން ފެށިގެން އެ ކޯލިޝަންގެ ހަރަކާތްތައް ދެގުނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ރައީސް ޔާމީނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ. ހައި ކޯޓުން އަންނަނީ އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މި ހަފުތާގެ ބުދަ ދުވަހަށް ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައެވެ.