އަދުލު އިންސާފު ގާއިމު ކުރުމުގެ މަސައްކަތުގެ ފެށުން ގުޅިފައި ވަނީ ފުލުހުންނާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އަދުލު އިންސާފު ގާއިމްކުރުން ކަމަށާއި އެކަމުގެ ފެށުންވެސް ގުޅިފައިވަނީ ފުލުހުންގެ ހިދުމަތާ ކަމަށެވެ.

"ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އަދުލު އިންސާފު ގާއިމްކުރުން. އެކަމުގެ ފެށުންވެސް ގުޅިފައިވަނީ ފުލުހުންގެ ހިދުމަތާ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ފުރިހަމަކޮށް އަވަސްކުރުމަކީ އޭގެ ތެރެއިންވެސް އެންމެ މުހިންމު މަސައްކަތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި އެފަދަ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް އިންސާފު ހޯދައިދިނުން އަވަސްކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ފުލުހުންނަށް ހުށަހެޅޭ ހައްސާސީ މައްސަލަތަކުގެ ތެދު މައުލޫމާތު އޭގެ ވަގުތުގައި ވީހާވެސް ތަފްސީލްކޮށް ރައްޔިތުންނާ ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތަށް އެކަން ނުވެއްޖެނަމަ އެކަމުގެ ބަދުނާމު އެޅިގެންދާނީ ފުލުހުންނާއި ސަރުކާރުގެ ބޮލުގައި ކަމަށެވެ. އަދި ހަމަ އެހެންމެ އެ މައުލޫމާތުތައް ރަނގަޅަށް ހާމަ ނުކުރެވުމުގެ ސަބަބުން ދޮގު މައުލޫމާތުތައް ފެތުރިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ ތެރޭގައިވެސް އިސްލާހު ކުރަން ޖެހޭ ކަންކަން އެބަހުރިކަމަށާއި، އެކަންކަން އިސްލާހު ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.