ޚަބަރު

ކޯޓުން ބޭރުން ކުޑަކުއްޖަކާ ކައިވެނިކޮށް، އެކުއްޖާ ބަލިވެ އިން މައްސަލައިގައި ހައްޔަރުކުރި މީހާގެ މައުލޫމާތު އާންމުކޮށްފި

މަރިޔަމް ޝަހުދާ

ޝަރުއީ އުސޫލުތަކާއި ހިލާފަށް ކޯޓުން ބޭރުގައި 17 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށް، އެ ކުއްޖާ ބަލިވެ އިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ މައުލޫމާތު އާންމުކޮށްފި އެވެ.

މި މައްސަލައިގައި އރ ކުއްޖާއާ މެދު ޖިންސީ ގޯނާ ކޮށް، ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހު ހައްޔަރު ކޮށްފައިވަނީ ހއ. ފިއްލަދޫ، ޝޭޑޯޒް، އަހުމަދު ޢައްޠަފް (23 އަހަރު) އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މީނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މ. މުލި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ޢައްޠަފް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. ޝަރީއަތުން ގޮތެއް ނިމެންދެން ޢައްޠަފް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ އިއްޔެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޯޓުން މިފަދައިން އަމުރު ނެރެފައިވަނީ މި މައްސަލައިގެ ގޮތުން އޭނާ ދޫކޮށްފިނަމަ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

17 އަހަރުގެ އަންހެންކުއްޖާ ބަލިވެ އިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ކުޑަ ކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ފުލުހުންގެ ކްރައިމް އަގައިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ތަހުގީގު ޓީމަކާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މިދުވަސްވަރު ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިފަދަ މައްސަލަތައް އިތުރުވާކަން ފާހަގަ ކުރެވޭތީ، މިހާރަށް ވުރެ ބޮޑަށް ބެލެނިވެރިން މިކަންކަމަށް ސަމާލު ވުމަށް ފުލުހުން އެދިފައި ވެއެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާތަކުގައި ޝާއިއު ކުރާއިރު ކުދިންގެ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް އަމަލުކުރުމަށް ފުލުހުން އެދިފައި ވެއެވެ.

މީގެ އިތުރުން މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ ޖެންޑާ މިނިސްޓަރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް މައްސަލަ ހުށަހެޅުމަށް ފުލުހުން އެދިފައި ވެއެވެ.