ރެސްޓޯރަންޓުތަކާއި ކެފޭ ފަދަ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އަލުން ހުޅުވާލާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައި އޮތް ނަމަވެސް އެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލުކޮށްފިއެވެ.
ކޮވިޑް 19 އާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލު ކުރަން ވީ ގޮތާ ގުޅޭގޮތުން އެޗްޕީއޭ އިން މިދިޔަ މަހުގެ 21 ވަނަ ދުވަހު އާންމުކުރި އުސޫލުގައި ބުނެފައިވަނީ ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓް ވެސް ހިމެނޭ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ވާނެ ކަމަށެވެ.
މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު އެކަމަށް ތާއީދު ކުރި ނަމަވެސް މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ އުސޫލު އިސްލާހުކޮށް، އާންމުކުރި އިރު ބުނެފައިވަނީ ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާއިރު ނުކުންނަ ދުން އެހެން މީހުންނަށް ނުފޯރާވަރުގެ ދުރުމިނެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު "ވަން" އަށް މިއަދު ވިދާޅުވީ، ސިނގިރޭޓު ބުއިމުގެ ހުއްދަ ދިން ނަމަވެސް ޝީޝާ ބުއިން އަދިވެސް މަނާވާނެ ކަމަށެވެ. އަދި މިވަގުތަށް ސިނގިރޭޓު ބޮވޭ ގޮތަށް އުސޫލު ބަދަލުކުރީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި ނަމަވެސް ފަހަރެއްގައި ކުރިން އޮތްގޮތަށް އެ އުސޫލު ބަދަލު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައިވަނީ މިމަހުގެ އެކަކުން ފެށިގެންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު