ރިޕޯޓް

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ވިދާޅުވަނީ ސީއެންއެމްގެ ނޫސްވެރިން އަދި ހަތްދުވަސް ނުފުރޭކަމަށް!

އައިދާ އަބްދުލް ހަކީމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް މީޑިއާތަކާއި އޮންނަ ގުޅުން ރަނގަޅު ކުރާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ސީއެންއެމްގެ ނޫސްވެރިންނަށް ފާޑު ވިދާޅުވެއްޖެއެވެ. ޖަވާ ވިދާޅުވެފައިވަނީ ސީއެންއެމްގެ ނޫސްވެރިންނަކީ ހަތް ދުވަސް ނުފުރޭ ކުދިން ތަކެއް ކަމަށެވެ.

އޮންލައިން ނޫސް ސީއެންއެން އިން ލިޔެފައިވާ އާޓިކަލް އަކާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ މީހުންނާއި ނޫސްވެރިންވެސް ތިބޭ ވައިބަރު ގްރޫޕެއްގައި ޖަވާ ވިދާޅުވީ ސީއެންއެމްގެ ނޫސްވެރިންނަކީ ހަތް ދުވަސް ނުފުރޭތީ އަދި ނަން ނުކިޔައި ތިބި ބައެއް ކަމަށެވެ. އެހެންކަމުން އެފަދަ އާޓިކަލް ލިޔެފާނެ ކަމަށެވެ.

"ފެންނަ ފެނުމަށް ސީއެންއެމް ގެ ނޫސްވެރިން އަދި ހަތްދުވަސް ނުފުރޭތީ ނަމެއް ނުކިޔާ. އެހެންވީމަ އެހެން ވެދާނެ" ޖަވާ ވިދާޅުވިއެވެ.

ޖަވާ މިހެން ވިދާޅުވީ ސީއެންއެމް އިން ލިޔެފައިވާ "މަގާމް ހޯދަން ގެނައީ މަޖިލިސް މެންބަރުން - މިހާރު ބުނަނީ މަޖިލީހަކަށް ނުބެހެވޭނޭ" މި ހެޑްލައިން ގެ ދަށުން ލިޔެފައިވާ ހަބަރަކާއި ގުޅިގެން އެފްއޭއެމްގެ މީޑިއާ ޑިޕާޓުމަންޓުން ހިންގާ ޕްރޮގްރާމްތައް ހުށަހަޅައިދޭ ކުޅިވަރު ނޫސްވެރިޔާ އަބްދުއްﷲ އަޒްމީން އެ އާޓިކަލް އަށް ކޮށްފައިވާ ކޮމެންޓަކާއި ގުޅިގެންއެވެ.

"އެއީ އެއްވެސް ސަބްސްޓެންސެއް ނެތް އާޓިކަލް އެއް" އަޒްމީން ބުނެފައި ވެއެވެ.

މީގެ އިތުރުން ޖަވާ ވިދާޅުވެފައިވަނީ ރާއްޖޭގެ ނަން މަޝްހޫރު ނޫސްވެރިޔާ އެއްވެސް އޮއްޓަރެއް ނެތް އާޓިކަލް އެއްގެ ވާހަކަ ބުނުމުން އެޔަށް މަޖާޒީ އެއްޗެއް ބުނެލީ ކަމަށެވެ. އަދި އެވާހަކަ ބުނެފައި އެވަނީ ދެވަނައެއް ނުވާ ނޫސްވެރިޔެއް ކަމަށެވެ.

އެފްއޭއެމް ހިންގުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ހުޓުވައިދިނުމަށް އެދި ހުށަހެޅި ގަރާރާއި ގުޅިގެން އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެ މައްސަލަ ބެލުމުގެ ހައްގު މަޖިލީހަށް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ.

މަޖިލީހުން އަންގައިގެން އިންތިހާބު ފަސްކުރުމަށް ޔޫތު މިނިސްޓްރީން އެދިފައި ވަނިކޮށް ނޫސްވެރިންނަށް ދައުވަތު ނުދީ އެފްއޭއެމްއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެފްއޭއެމްގެ ޓެރަހުގައި އެ އެސޯސިއޭޝަނުގެ އިންތިހާބީ ކޮންގްރެސް ބާއްވާއި ރައީސް ކަމަށް ދެވަނަ ދައުރަކަށް ބައްސާމް އިންތިހާބު ކޮށްފައެވެ.

ކޮންގްރެސް އަށް ފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސްގެ މައުލޫމާތު ނުދިން މައްސަލައިގައި މީޑިއާ ތަކުން ޝަކުވާ ކުރުމުން ބައްސާމް ވިދާޅުވީ އެފްއޭއެމް އިން މީޑިއާ ތަކާއި އޮންނަ ގުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. މީޑިއާތަކާ އެކު އޮންނަ ގުޅުން ކުރިއަށް އޮތް ދައުރުގައި ރަނގަޅު ކުރައްވާނެ ކަމަށާއި އެކަމަށް ގިނަ މަސައްކަތް ތަކެއްވެސް ކުރައްވާނެ ކަމަށެވެ.

"މީޑިއާތަކާ މެދު އޮންނަ ގުޅުން އަޅުގަނޑުމެން ރަނގަޅު ކުރަން ޖެހޭ. އަޅުގަނޑުގެ ވެސް ހުރި މައްސަލައެއް ވިއްޔާ އެކަން ރަނގަޅުކުރަން މަސައްކަތް ކުރަން ޖެހޭނެ. އެކަން އަޅުގަނޑުމެން ރަނގަޅު ކުރާނަން. ކުރިޔަށް އޮތް ހަތަރު އަހަރު މީޑިއާތަކާ އޮންނަ ގުޅުން ރަނގަޅު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން." ބައްސާމް ވިދާޅުވިއެވެ.