އަންހެނުންނާއި އަންހެންކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވާ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެމްއާރުއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫނުއަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން މިފަދަ އަމަލު ތަކަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަންކަންކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ ޖިންސީ ގޯނާ ކުރުމުގެ އަމަލުތަކަކީ އިޖުތިމާއީ ގޮތުން ހުތުރުކަން ބޮޑި ލާއިންސާނީ އަމަލުތަކެއް ކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތައް މުޖުތަމައުން މުޅިން ލުހެލުމަށް އެންމެން ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އަންހެނުންނާއި އަންހެންކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްސަލަތަކާ ގުޅިގެން ރައީސް މައުމޫނު މިހެން ވިދާޅުވި އިރު، މިދިޔަ ހަފްތާގައިވެސް ޖިންސީ ގޯނާގެ އެތައް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ. އެގޮތުން 18 އަހަރުން ދަށުގެ ދެ ކުދިންނަށް ބަލިވެ އިން ދެ މައްސަލައިގެ އިތުރުން 10 އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.