ހިއުމަން ރައިޓްސް ކޮމިޝަނާއި، ކޯޓު ތަކާއި، އަދި އެފަދަ އެހެނިހެންވެސް މުއައްސަސާތަކުން ކުރަން ޖެހޭ ކަންކަން ނުކުރެވުމަކީ، ކުށެއް ނެތް ބަޔަކު ރަހީނުކޮށް މުދަލަށް ގެއްލުންދޭން ޖެހޭ ސަބަބެއް ކަމަށް އަދިވެސް ގަބޫލު ނުކުރައްވާ ކަަމަށް ދިފައީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ބ. ތުޅާދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި، އެތައް މަސްތަކެއް ވަންދެން މުސާރަ ނުދީ މަސައްކަތް ކުރުވަމުންދިޔަ ބިދޭސީންތަކެއް، އިހްތިޖާޖްކޮށް، އެރަށުގައި މަސައްކަތްކުރަމުންދިޔަ ދިވެހިންތަކެއް ރަހީނުކުރި މައްސަލައާ، ގުޅިގެން، ދިވެހި ބިމުގައި ބިދޭސީންތަކެއްވެގެން ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ، މުސާރަ ނުލިބުމުން އޯކާ ކަމެއްކަމުގައި ދުށުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ ކުރެއްވި ޓުވިޓާ ގުޅިގެން ބައެެއް ފަރާތްތަކުން ފާޑު ކިއުމާ ގުޅިގެންނެވެ.

ބުރާސްފަތި ދުވަހުގެރޭ ހިނގި އެހާދިސާއާ ގުޅިގެން މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިދޭސީންގެ ހައްގު ހޯދުމަށް ރާއްޖޭގެ ކޯޓުތަކާއި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރުއޭ)އާއި އެ މުއައްސަސާތަކުގެ އިތުރުންވެސް އެހެން އިންތިޒާމްތައްވެސް ހުންނަ ކަމަށެވެ.

އެހެން އެކަން އޮއްވައި، "ދިވެހި ބިމުގައި ބިދޭސީންތަކެއްވެގެން ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ، މުސާރަ ނުލިބުމުން އޯކާ ކަމެއްކަމުގައި ދުށުން އެއީ ގައުމަށް ޣައްދާރުވުން ކަމަށް އަޅުގަނޑު ދެކެން،" ކަމަށެވެ.

މިނިސްޓަރު މާރިޔާގެ އެ ޓުވީޓާ ގުޅިގެން، ފާޑުކީ ފަރާތްތަކުން ބުނެފައިވަނީ ހަމަސްދުވަހު މުސާރަ ނުދީ އަޅު މަސައްކަތް ކުރުވުމުން ހައްގު އުޖޫރަ ހޯދަން އިހުތިޖާޖު ކުރާ ބަޔަކަށް އެ ބަހުރުވައިން މުހާތަބު ކުރަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. ހައްގަކީ ވަކި ބަޔަކަށް ލިބެން ޖެހޭ އެއްޗެއްތޯ، ސުވާލު ކޮށް، ހަމަޖެހިފައިވާ ގާނޫނީ އިންތިޒާމްތައް ފަންކްޝަން ނުކުރާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

އެފަރާތްތަކަށް ރައްދު ދެއްވައި މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަނާއި، ކޯޓު ތަކާއި، އަދި އެފަދަ އެހެނިހެންވެސް މުއައްސަސާތަކުން ކުރަން ޖެހޭ ކަންކަން ނުކުރެވުމަކީ، ކުށެއް ނެތް ބަޔަކު ރަހީނުކޮށް މުދަލަށް ގެއްލުން ދޭންޖެހޭ ސަބަބެއް ކަމަށް އަދިވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މުވައްޒިފުންނަށް އުޖޫރަ ނުދިނުމަކީ އޯކޭ ކަމެއް ކަމަށް ވިދާޅު ނުވާ ކަމަށްވެސް މާރިޔަގެ ޓުވީޓްގައި ވެއެވެ.