އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުނުކޮށްފި ނަމަ، ދެން މިއިން ޒަމާނަކުން ވެސް ވޯޓުލުމުގެ ފުރުސަތު ނުލިބުމުގެ ފުރުސަތު އޮތް ކަމަށް އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކެމްޕޭން ހަރަކާތްތެރިންނާއެކު ރައީސް ސޯލިހު މިރޭ ބޭއްވި ހަރުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ކޮންމެ ފަހަރަކުވެސް އެމްޑީޕީން ވޯޓެއް ހޯދަނީ ވަރަށް އުނދަގުލުން ކަމަށާއި 2013 ގައި ވެސް އިންތިހާބު ބާތިލުކުރާތީ ވަރުބަލިވާ ވަރަށް ވޯޓުލާން ޖެހުނު ކަމަށެވެ. އަދި 2018 ގައި ވެސް ވާދަވެރިން އިންތިހާބު ބާތިލުކުރަން ކޯޓަށް ދިޔަކަން ވެސް ފާހަގަކުރެއްވިއެވެ.
"ކިތައް ފަހަރުތޯ ސުޕްރީމް ކޯޓަށް ދިޔައީ އިންތިހާބު ކެންސަލްކުރަން. އެކަމަކު އަޅުގަނޑުމެން މިއަދު ވޯޓު އެބަ ލެވޭ. މި އަންނަނީ ވަރަށް ބިރުވެރި ކަމެއް. އަޅުގަނޑުމެން މިފަހަރު މި ވޯޓުލާ ގޮތުން އަޅުގަނޑުމެން ދެން ދުވަހަކުވެސް ވޯޓެއް ލާން ފުރުސަތު ނުލިބުމަކީ ހަމަ އޮތް ކަމެއް. މުއިއްޒު ފަހަތުގައި ތިބި ކިތައް މީހުންތޯ ވޯޓު ގަބޫލުކުރަނީ. ކިތައް ބޭފުޅުންތޯ ހުރީ އެކި ގޮތަށް ފަތުވާ ދެއްވާފައި ވޯޓު އެއީ ހަރާމް ކަމެއް ކަމަށް. 30 ސެޕްޓެމްބަރުގައި ހެނދުނު ހެނދުނާ ނުކުމެވަޑައިގެން ވޯޓު ލައްވާތި. ގޭގައި ނުތިއްބަވާތި. ތިބޭފުޅުން ދުވަހެއްގެ ކޮޅުން ވެސް، މިއިން ޒަމާނަކުން ވެސް ވޯޓުލައްވަން ބޭނުންފުޅު ކަމަށްވަންޏާ ރައީސް ސޯލިހު އިންތިހާބުކުރައްވާތި،" މިނިސްޓަރު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް އަމާޒުކުރައްވައި މާރިޔާ ވިދާޅުވީ އެ ކޮމިޝަނުން ބޭނުން ގޮތަކަށް ވޯޓުލާން ދިނަސް، މި ވޯޓަކީ ލާން ފަސޭހަ އެއްޗެއް ނޫން ކަމަށާއި ދުވަސްވީ މީހެއްގެ އަތުން ފާހަގަ ޖެހުނުކަން ރަނގަޅަށް ނޭނގޭތީ ޔަގީންކޮށްލަން ދެވަނަ ފަހަރަށް އޭގެ މަތީގައި އަޅާލާފައި ހުއްޓަސް، އެއީ ސީދާ ކަނޑައެޅިގެން ހެޔޮ ފާހަގަކަން އެނގޭ އިރުވެސް ވޯޓު ބާތިލުކޮށްފައި ހުންނަ ކަމަށެވެ.
"ބައްލަވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިންނަވަންވީ ނޫންތޯ ތިޔަ މޮޅު ފާހަގަ ޖައްސަވަން. އަޅުގަނޑުމެންގެ ދުވަސްވީ މީހުންނަށް އެ ފާހަގަ ޖަހާކަށް ނޭނގެއޭ. ކޮން ކަހަލަ އިންތިޒާމުތަކެއްތޯ އެތާނގައި ހަދާފައި ހުރީ. ދުވަސްވީ މީހުންނަށް ވީލްޗެއާ ގަނޑެއް ވެސް ނެތް، އިށީނދެލާނެ ތަންކޮޅެއް ނެތް. ކުރީގެ އިލެކްޝަންތަކުގައި 65 އަހަރުން މަތީގެ މީހުންނަށް އަވަހަށް ވޯޓުލައިދޭ ގޮތް ހަދައިދޭ. ކިތައް ފަހަރުތޯ ކިޑްނީ ބަލި، ނޭވާ ހިއްލާ މީހުން ތިން ގަޑިއިރާއި ބައި ވަންދެން ކިޔުތަކުގައި ތިބެ، ނުލިވިގެން ގެއަށް ދާން ޖެހުނީ. އެހެންވިޔަސް އަޅުގަނޑުމެން ނުދަމޭ ސުޕްރީމް ކޯޓަކަށް. ސުޕްރީމް ކޯޓަށް ގޮސް، ބާތިލު ކުރާ ވަރަށް ބާތިލު ވޯޓު އެބައޮތޭ އެމީހުން އެގޮތަށް ދައްކާފައި،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު ދެވަނަ ބުރަށް ނުކުންނަނީ ބާރަށް ކަމަށާއި އެ ދުވަހު ގޭގައި ނުތިބެ، އަވަހަށް ނުކުމެ ވޯޓުލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އެ ދުވަހުގެ ވޯޓުން ރައީސް ސޯލިހު އިންތިހާބުކޮށްދެއްވުމަށް މާރިޔާ އެދިވަޑައިގެންނެވިއެވެ.