ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކޮށްދެއްވުމަށް، އެ މަނިކުފާނުގެ ކެމްޕޭން ސްޕޯކްސްޕާސަން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޑޯޓުޑޯ ހަރަކާތް ފައްޓަވައިފިއެވެ.
މާރިޔާ މިއަދު ވަނީ މާފަންނު މެދު ދާއިރާގެ ގެތަކަށް ވަޑައިގެންފައެވެ. އެ ހަރަކާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި އެ ދާއިރާގެ ކޯޑިނޭޓަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 4:00 އިން ހަވީރު 6:00 އަށެވެ.
ރައީސް ސޯލިހުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ އިއްޔެ ހުޅުމާލޭގައި ޑޯޓުޑޯ ކުރިއަށް ގެންދަވައިފައެވެ. ފަޒްނާ ވިދާޅުވެފައިވަނީ އިއްޔެ އެކަނިވެސް އެ ހަރަކާތުން ރައީސް ސޯލިހަށް ވޯޓު އިތުރުކުރެވިފައި ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގެ އިންތިހާބާ ގުޅިގެން ރައީސްގެ ކެމްޕޭން ޓީމުން ވަނީ ކެމްޕޭން ހަރަކާތްތައް ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށް ފުޅާކޮށްފައެވެ.
މި ހަފުތާ ފެށުނު ފަހުން މާރިޔާ ގެންދަވަނީ ކޮންމެ ދުވަހަކު ޑޯޓުޑޯ ހަރަކާތް ކުރިއަށް ގެންދަވަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ވަނީ 101,494 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 45.99 ޕަސަންޓެވެ. ދެވަނައަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،126 ވޯޓެވެ. އެއީ އިންތިހާބުގެ 39.02 ޕަސަންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު