ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުން، އެރަަށަށް ދެވަނަ ބުރަށް ދިޔަ ފުލުހުންނާ ކުރިމަތިލި ބިރުވެރި ގޮތް ދައްކުވައިދޭ ކުރުކުރު ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ މަސްތަކެއްވެ، އެމީހުންގެ ރުޅިގަނޑު ވަނީ ބުރާސްފަތި ދުވަހު ދައްކާލައިފަ އެވެ. އެގޮތުން އެރަށުގައި އިހުތިޖާޖު ކޮށް، ތަކެއްޗަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްދީފަ އެވެ. އެރަށުގައި ތިބި 13 ދިވެހިން ވެސް ވަނީ ރަހީނުކޮށްފައެވެ. ރަހީނު ކުރި އެކަކު ވަނީ މޫދަށް ފުއްމާލައިގެން އެރަށާ އެއް ފަޅެއްގައި އޮންނަ ތުޅާދޫއަށް އަރައި ސަލާމަތް ހޯދައިފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ އެރަށަށް ފުލުހުން އަރަން ދިއުމުން ވަރަށް ގިނަ އަދަދެއްގެ ބިދޭސީން އެމީހުންނާ ކުރިމަތިލާން ތައްޔާރަށް ތިބި ތަނެވެ. އެމީން ތިބީ ފުލުހުންނަށް ހަމަލާދޭން ދަނޑިބުރިއާ ގަލާއި ދަގަނޑު ބުރިވެސް ހިފައިގެނެވެ.

ބޮޑުފިނޮޅު ބަނދަރު ސަރަހައްދުގައި ހުރެގެން ނަގާފައިވާ އެވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުންގެ ލޯންޗް އެރަށު ޖެޓީއަށް ކައިރި ކުރުމުން ބިދޭސީންގެ ގިނަ އަދަދެއްގެ މީހުން ވަނީ ވަރަށް ބާރަށް ހަޅޭލަވަމުން ފުލުހުންގެ ލޯންޗަށް ހަމަލާ ދިނުމަށް ދުއްވައިގެންފަ އެވެ. އަދި ފުލުހުން އެރަށަށް އެރިޔަ ނުދޭންވެގެން ބޮޑެތި ދަނޑިބުރި ހިފައިގެން ފުލުހުންނާ ކުރިމަތިލާން އެމީހުން ދިޔަ މަންޒަރު ފެނެއެވެ. އެމީހުން ވަނީ ފުލުހުންނަށް ހަމަލާ ދިނުމަށް ގަލާއި ދަގަނޑު، ލޯންޗާ ދިމާއަށް އުކައިފަ އެވެ.

އެހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެ ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދި ކަމަށެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށްވެސް ބުންޏެވެ.

އެމައްސަލައިގައި މިހާތަނަށް 19 ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެމީހުން މިހާރު ވަނީ އޭދަފުށި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.

ބިދޭސީން އިއްޔެ ބޮޑު ފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި އެރަށުގެ އެކޮމަޑޭޝަން ބްލޮކްގެ ރޫމްތަކަށާއި އޮފީސް ބަޔަށް ވަނީ ވަރަށް ބޮޑަށް ގެއްލުންދީފަ އެވެ. އަދި އެރަށުގައި ބޭނުން ކުރާ ބައެއް އުޅަނދުތައް ކަމަށްވާ ޕިކަޕާއި އެސްކަވޭޓަރުތަކުގެ ބިއްލޫރުތައް ވެސް ވަނީ ތަޅާލާފައެވެ.

ފުލުހުންގެ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން ތަހުގީގް ޓީމްގެ މީހުން އަދިވެސް އަންނަނީ ބޮޑުފިނޮޅުގައި ހަރަކާތްތެރިވަމުންނެވެ.