ބ. ތުޅާދޫން އަލީ އަފާފް ރަމީޒް
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި 19 ބިދޭސީއަކު ހައްޔަރުކުރުމަށްފަހު ތުޅާދޫއަށް ގެނެސްފިއެވެ.
އެމީހުންނަކީ ބ. ބޮޑުފިނޮޅުގައި އިއްޔެއިން ފެށިގެން ހިންގި ހަމަނުޖެހުންކުގައި އަމަލީ ގޮތުން ބައިވެރިވި 19 ބިދޭސީންނެވެ. އެމީހުން ތުޅާދުއަށް ގެނައި އިރު ތިބީ އަތުގައި ބިޑި އަޅުވައިފައެވެ.
މި ރަށަށް ގެނައި 19 ބިދޭސީން ތުޅާދޫ ނޫން އެހެން ރަށަކަށް ގެންދަން އަދި ނިންމާފައި ނުވާ ކަމަށް ފުލުހުން ވަން އަށް މައުލޫމާތު ދިނެވެ. އެ މީހުން މިރަށަށް ބާލައި، ޕިކަޕަކަށް އަރުވައިގެން ގެންދިޔައީ މި ރަށު ޕޮލިސް ސްޓޭޝަނަށެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ، މި ރަށާ އެއް ފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނާއި ދެމެދު ހިނގި ކުރިމަތިލުމުގައި ގިނަ އަދަދެއްގެ ފުލުހުންނަށް އަނިޔާވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބޮޑުފިނޮޅުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރުޅިވެރިކަން ބޮޑުވެފައި ވަނީ އެމީހުންގެ މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވެފައި ވާތީ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ. އެ ރުޅިވެރިކަމުގައި އިހްތިޖާޖުކޮށް، އެރަށުގައި ތިބި 12 ދިވެހިން ވެސް ވަނީ ރަހީނުކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުންގެ ނެރުނު ބަޔާނެއްގައި ބުނީ، ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުރަތަމަ އެރަށަށް ދިޔައީ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކަމަށެވެ.
ނަމަވެސް ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދެއްކުމުން އިތުރު ފުލުހުންނާއެކު ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިޔަ ކަމަށާއި އެ މީހުން ދިއުމުން ފުލުހުންނާ ދިމާއަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދި ކަމަށެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ބުންޏެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުފިނޮޅަށް ރޭ ފަތިހު ގޮސްފައިވަނީ ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހުގީގު ޓީމެއްގެ އިތުރުން ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލުން ކަމަށް ފުލުހުން ބުނެއެވެ. މި ޓީމުން ގޮސް އެރަށުގައި ތިބި ދިވެހިން ވަނީ ސަލާމަތްކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު