މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ނިންމުމަކީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއީ މިފަދަ ހާލަތެއްގައި އަމަލު ކުރުމަށް އިސްލާމްދީނުގައި އައިސްފައިވާ ޝަރުއީ ގަވާއިދުތަކާއި ހަމަތަކަށް ރިއާޔަތް ކުރުމަށްފަހު، އިލްމުވެރިންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ނުކުރަން ނިންމި ނަމަވެސް، ރައްކާތެރިކަމާއެކު ޖަމާއަތް ހަދައިގެން ފަރުޟު ފަސް ނަމާދު ކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދު ކަނޑާލީ، މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސްރު ނަމާދުން ފެށިގެންނެވެ. ނަމަވެސް މާލެ ސަރަހައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންގައި ހިފަހައްޓާފައި އޮތް ކަންކަމަށް ލުއިތަކެއް ދިނުމުގެ ތިން ވަނަ މަރުހަލާގެ ދަށުން އިއްޔެގެ މަޣްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.