މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، ބައްސާމް އަދީލް ޖަލީލު ބައިވެރިވެފައިވާކަން އެނގެން އޮތްއިރު ވެސް އެ މައްސަލައިގެ ތަހުގީގު ލަސްވަނީ ކީއްވެގެންތޯ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސުވާލު އުފައްދަވައިފިއެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް އެ ސުވާލު އުފައްދަވާފައިވާއިރު ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާތީވެ އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އޭނާ ވަނީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވައިފައެވެ. އަދި އެ މައްސަލަ މަޖިލީހަށް ބަލައިގަނެ އިޖްތިމާއީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އެކަމާ ގުޅިގެން ފީފާ އިން ވަނީ މިއަދު ބޭއްވުމަށް ހަމަޖައްސާފައިވާ އެފްއޭއެމްގެ އިންތިހާބަށް ހުރަސް އަޅާނަމަ، ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފައެވެ ފީފާ އާއި އޭއެފްސީ އަދި ފުލުހުންގެ ޓުވިޓާ އެކައުންޓް ޓެގު ކުރައްވައި އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައްސާމް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝާން (އޭސީސީ) އިން ނެރުނު ރިޕޯޓްގައި ވެސް އެކަން ފެންނަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭސީސީން އާންމު ކުރި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރަށްތަކާ ގުޅިގެން އެ ކޯޕަރޭޝަން ނުވަތަ ޓޫރިޒަމް މިނިސްޓްރީއަށް ދައްކާފައިވާ އެއްވެސް ފައިސާއަކާ ހަވާލުވެފައި ނުވާނެ ކަމަށް ބައްސާމް ބަޔާން ދީފައި އޮތް ނަމަވެސް އެޗްއެމްއެޗްއައި ކުންފުނީގެ ފަރާތުން މުހައްމަދު ޝިފާޒު ކޮމިޝަނަށް ދީފައިވާ ބަޔާނުގައި އދ. ފުށިދިއްގާގެ އެކުއިޒިޝަން ކޮސްޓް ދެއްކުމަށް ދޫކުރި ޗެކްތަކާ ހަވާލުވެފައިވަނީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ބައްސާމް ކަމަށާއި ބައްސާމް ސޮއިކޮށްފައި އޮތް ދެ ޕާމަންޓް ވައުޗާ ޗެކް ވެސް ހަވާލުކުރީ އެމްއެމްޕީއާރުސީ އޮފީހުގެ ތެރޭގައި ބައްސާމްއާއެވެ.
އޭގެ އިތުރުން ރަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އެމްއެމްޕީއާރުސީގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވެސް ބައްސާމް ބައިވެރިވެފައިވާ ކަމަށް ޝިފާޒު އޭސީސީއަށް ދިން ބަޔާނުގައި ބުނެފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓްގައި ބުނެފައި ވެއެވެ.
އޭސީސީއަށް ޒިޔަތު ދިން ބަޔާނުގައި ވެސް ފުށިދިއްގާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކި ފައިސާއާ ހަވާލުވި ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރޭގައި ބައްސާމް ހިމެނޭ ކަމަށާއި އަދި އޭސީސީގެ ތަހުގީގުގައި ދެއްކި އެޗްއެމްއެޗްގައި ކުންފުނީގެ ޕޭމަންޓް ވައުޗާގައި ފުށިދިއްގާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކި 350،000 އެމެރިކާ ޑޮލަރު ބަލައިގަތް ފަރާތުގެ ގޮތުގައި ބައްސާމް ސޮއިކޮށްފައިވަނީ ކީއްވެ ކަމެއް ނޭނގޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު