ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. އަތޮޅު ކައުންސިލްގެ ގއ. ވިލިނގިލި ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވާތީ އާއި ކެންޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއިކުރުވުމުގައި ބައިވެރިވި ކަމަށާއި، އެ އިންތިހާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެނޑިޑޭޓުގެ ކެންޑިޑެސީ ބާތިލުކުރުމަށް ނަޖީބު މަސައްކަތްކުރި ކަމަށް ސާބިތުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ވާހަކަ ދައްކާފައިވާ ކަމަށާއި ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމު އެކަށައެޅިފައިވާ ގާނޫނީ އަސާސްތަކާ ކަނޑައެޅިގެން ހިލާފަށް، ދެ މީހަކު ހައްޔަރުކުރުމަށް އޭނާ އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަން ސާބިތުވެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވެއެވެ.

އެހެންކަމުން ނަޖީބު ވަކިކުރަން ހުށަހަޅަން ނިންމީ، އޭނާގެ މި އަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 142 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ ފަސް ވަނަ ނަންބަރާއި 10 ވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.9، 7.1 އަދި 7.2 ވަނަ ނަންބަރާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމުން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ ހަތަރު ވަނަ ނަންބަރުގެ ދަށުން ކަމަށް ޖޭއެސްސީން ބުނެއެވެ.

ގާނޫނުގައިވާ ގޮތުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު އެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ޖޭއެސްސީގެ މެންބަރުންނަށް ފެންނަ ހާލަތްތަކުގައި ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ ހަމައެކަނި މަޖިލީހުގައި ނަގާ ވޯޓަކުންނެވެ.

ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ހުށަހަޅަން ނިންމިއިރު، މިދިޔަ އޭޕްރިލް މަހުން ފެށިގެން އޭނާ ހުންނެވީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ. އެއީ ކޮމިޝަނަށް ހުށަހަޅާފައިވާ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވުމުންނެވެ. ފަނޑިޔާރެއްގެ ގޮތުގައި ހުރެގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ އެމައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ވެސް ޖޭއެސްސީން ވަނީ ހުށަހަޅަން ނިންމައިފައެވެ.