ފުޓުބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަލީ އާޒިމް އެއިދާރާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ކްލަބް އީގަސްއިން ކުށްވެރިކޮށް އަދި އެފަދަކަންކަން ހުއްޓާލުމަށް އެދިއްޖެ އެވެ.
އީގަލްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެފްއޭއެމްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެ އެސޯސިއޭޝަނުގެ ގަވާއިދު އަދި ކުޅިވަރު ގާނޫނުން ސާފު ވާންޖެހޭ ކަންކަން ރަނގަޅަށް ސާފުވުމެއް ނެތި ހުށަހެޅި މި މައްސަލަ އަކީ ސީދާ އެފްއޭއެމްގެ އިިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެއްވި ކަމެއްކަމުގައި ދެކޭ ކަމަށެވެ.
އަމިއްލަ މަސްލަހަތަށް ޓަކައި ސިޔާސީ ނުފޫޒުން ކަންކަން ކުރުމީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށް އެކުލަބުން ދެކޭ ކަމަށެވެ. އަދި މި މަޖިލީހަށް ހުށަހެޅި މައްސަލައަކީ ފުޓުބޯޅައިގެ ތަރަށްގީއަށް ކުޅިވަރާބެހޭ ވަޒީރާއި ގުޅިގެން އެފްއޭއެމް އިން ކުރާ މަސައްކަތްތައް ފަނޑުކޮށްލުމަށް ސިޔާސީ ގޮތުންނާއި އަމިއްލަ މަސްލަހަތު އޮވެގެން ކުރާ މަސައްކަތެއް ކަމަށް އެކުލަބަށް ފާހަގަ ކުރެވޭ ކަމަށެވެ.
އީގަސްއިން ބުނެފައިވަނީ އެކަންކަން އެހެން އޮތުމުން ހުރިހާ ފުޓުބޯޅަ ކްލަބުތަކާއި ކުޅުންތެރިންގެ ހައްގުގައި އެފަދަ ކަންކަން ހުއްޓާލުމަށް އެކުލަބުން އިލްތިމާސް ކުރާ ކަމަށެވެ.
އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިިގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތައް، އެސޯސިއޭޝަންތައް އަދި ފެޑަރޭޝަންތައް ރެގިއުލޭޓްކޮށް ގާނޫނުން މަތިކޮށްފައިވާ މައްސޫލިއްޔަތުތައް އަދާކުރުމަށް މަތިކޮށްފައިވާ ފަރާތްތަކުން އެކަން ފުރިހަމަ ގޮތުގައި އަދާ ނުކުރާތީ ހުށަހަޅާ މައްސަލައެއް ކަމަށެވެ. މި ގަރާރުގެ މަގުސަދަކީ ކުޅިވަރުގެ ހުރިހާ ފެންވަރެއްގައި ހިންގޭ ހަރަކާތްތަކުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ މީހުންނަށް ބައިވެރި ވެވޭ ހަރަކާތްތަކެއްކަން ކަށަވަރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
އެފްއޭއެމްގެ ރައީސްކަންވެސް ކުރީން ކުރެއްވި، އަލީ އާޒިމް ހަ ނުކުތާއެއް ފާހަގަކުރައްވައި، ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެފްއޭއެމް ހިންގަމުންދަނީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވައިދާއި، ދިވެހި ކުޅިވަރު ގާނޫނު އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވައިދާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ގަވައިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީއަށް އެންގުމަށާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ފަހު ނޫނީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގުމަށް ވަނީ އެދިފައެވެ.
އެފްއޭއެމްގެ އިންތިހާބަށް ހުރަސް އަޅާނަމަ، ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ވަނީ އަންގާފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު