މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބަށް ހުރަސް އަޅާނަމަ، ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ބުނެފިއެވެ.
ފީފާއިން މިހެން ބުނެ އިންޒާރުދީފައިވަނީ އެފްއޭއެމް ހިންގަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ އެސޯސިއޭޝަނަށް ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅިގެން ފީފާއިން އެފްއޭއެމްއަށް ފޮނުވި ސިޓީއެއްގައެވެ.
ފީފާގެ ސިޓީގައި ބުނެފައިވަނީ އެފްއޭއެމްއަކީ އެ ފެޑޭރޭޝަނުގެ މެންބަރު އެސޯސިއޭޝަނެއް ކަމުން، އިތުރު ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ހިންގަން ޖެހޭނެ ކަމަށް ފީފާގެ ގަވައިދުގައި ބުނާ ކަމަށެވެ. އަދި ފީފާގެ ގަވައިދާ ހިލާފު ވެއްޖެ ނަމަ، ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ފީފާގެ ސިޓީގައި ބުނެފައިވެއެވެ.
މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ އެފްއޭއެމްގެ އިންތިހާބު މިނިވަންކަމާއެކު އެފްއޭއެމްގެ ގަވައިދާ އެއްގޮތަށް ބޭއްވޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އިންތިހާބަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާނަމަ އެކަން ފީފާއަށް އެންގުމަށް އެ ފެޑެރޭޝަނުން ބުނެފައިވެއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގަނީ އެ އެ ސޯސިއޭޝަންގެ ހިންގާ ގަވާއިދާއި، ކުޅިވަރުގެ ގާނޫނާއި ޖަމިއްޔާތަކުގެ ގަވާއިދާ ހިލާފަށް ކަމަަށް ބުނެ، ސްޕޯޓްސް މިނިސްޓްރީން ފިޔަވަޅު އަޅަން ގޮވާލައި އެފްއޭއެމްގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ އިއްޔެ ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފައެވެ.
އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިިގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތައް، އެސޯސިއޭޝަންތައް އަދި ފެޑަރޭޝަންތައް ރެގިއުލޭޓްކޮށް ގާނޫނުން މަތިކޮށްފައިވާ މައްސޫލިއްޔަތުތައް އަދާކުރުމަށް މަތިކޮށްފައިވާ ފަރާތްތަކުން އެކަން ފުރިހަމަ ގޮތުގައި އަދާ ނުކުރާތީ ހުށަހަޅާ މައްސަލައެއް ކަމަށެވެ. މި ގަރާރުގެ މަގުސަދަކީ ކުޅިވަރުގެ ހުރިހާ ފެންވަރެއްގައި ހިންގޭ ހަރަކާތްތަކުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ މީހުންނަށް ބައިވެރިވެވޭ ހަރަކާތްތަކެއްކަން ކަށަވަރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
އެފްއޭއެމްގެ ރައީސްކަންވެސް ކުރީން ކުރެއްވި، އަލީ އާޒިމް ހަ ނުކުތާއެއް ފާހަގަކުރައްވައި، ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެފްއޭއެމް ހިންގަމުންދަނީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވައިދާއި، ދިވެހި ކުޅިވަރު ގާނޫނު އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވައިދާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ގަވައިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީއަށް އެންގުމަށާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ފަހު ނޫނީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގުމަށް ވަނީ އެދިފައެވެ.
އެ މައްސަލައިގައި ބުނެފައިވަނީ، އެފްއޭއެމްގެ ހިންގާ ގަވައިދުގެ 34 ވަނަ މާއްދާގައި ބުނާ އަދަދަށް ކޮންމެ މަހަކު އެއް ފަހަރު، ހިންގާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ނުވާ ކަމަށާއި 83 ވަނަ މާއްދާގައި ބުނާ އެސޯސިއޭޝަންތައް ވެސް އުފަންކޮށްފައި ނެތް ކަމަށެވެ.
މީގެ އިތުރުން ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށްގެން ހިންގުމުގެ ގަވައިދުގެ 39 ވަނަ މާއްދާގެ "ހ" ގައި ޖަމިއްޔާ ރަޖިސްޓްރީކުރާ ތާރީހުން ފެށިގެން ދެ އަހަރުވާއިރު، އެ ޖަމިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާ ނަމަ، ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިވިދިގެން ދެ އަހަރު، ވެފައިވާނަމަ އެ އެސޯސިއޭޝަނެއްގެ ރަޖިސްޓްރޭޝަން ބާތިލުކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެންވާ ކަމަށެވެ.
އެހެންކަމުން އާޒިމް އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ބަލައި ހިންގާ ގަވައިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އެފްއޭއެމްއަށް އަންގަން ސްޕޯޓްސް މިނިސްޓްރީއަށް އެންގުމަށާއި އެކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު