ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރިކަމަށް ބުނެ ވާހަކަތައް ދައްކަމުން ދާއިރު، އެއީ އެގޮތަށް ހިނގާފައިވާ ކަމެއް ނޫން ކަމަށާއި، އެ މައްސަލައަކީ، ޖިންސީ ގުނަވަންތަކެއްގައި އަތްލި މައްސަލައެއް ކަމަށް ފުލުހުން ބުނެވިއެވެ.
ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕްކުރި މައްސަލައެއް، ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ދެކެޥޭ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް، މިއަދު ފުލުހުން ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަަށް ޖަވާބުދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، އެއީ ރޭޕްގެ މައްސަލައެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ދެ ދިވެހިންނާއި ކެންޔާ އަންހެން މީހާއާ ފުރަތަމަ ފުލުހުން ސުވާލު ކުރީ، ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެ ތިން މީހުން ލަކުޑިޖެޓީގައި ތިބިތަން ފެނިގެން އެރޭ ފަތިހު 5:15 ހާއިރު ކަމަށެވެ.
"ސުވާލު ކުުރުމުން އެ އަންހެން މީހާ ފުރަތަމަ ބުނީ ތިމަންނަ ފޯނު ވީ އެމީހުންގެ އަތުގައޭ. ފޯނު ނުލިބިގެންނޭ މިއުޅެނީ،" މަންނާނު ވިދާޅުވިއެވެ.
ނަމަވެސް ވާހަކައިގެ ތެރޭގައި އެމީހުން އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަަމަށް ބުނި ހިސާބުން ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވަނީ، ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ރެކޯޑްކޮށްގެން ކަމަަށްވެސް ވިދާޅުވިއެވެ.
މަންނާނު ވިދާޅުވިގޮތުގައި ގާނޫނުގައި އެފަދަ ކުށްތައް ތަރުތީބުވެފައިވަނީ ތިން ބަޔަކަށެވެ. އެއީ ރޭޕްގެ ކުށްތައް އޮވެފައި، އޭގެ ދަށުން ޖިންސީ އަނިޔާގެ ކުށްތައް، އަދި އޭގެ ދަށުން ޖިންސީ ގޯނާގެ ކުށްތައް ކަމަށެވެ.
އިތުރު ތަފްސީލު ދެއްވަމުން ހުޅުމާލެ ފުލުހުންގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް މުހައްމަދު ރަޝީދު ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލީ އެވަގުތު ހުރި ހެއްކަށް ބަލާފައި އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ. އަދި އެމީހުން 30 ދުވަސްވަންދެން ބަންދުގައި ބައިތިއްބާފައި ހެއްކެއް ނެތިގެންް ދޫކޮށްލުމުގެ ބަދަލުގައި އެމީހުން ދޫކޮށްލީ އެ މައްސަލައިގެ ހެކި ހޯދުމަށް ވަގުތު ހޯދުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.
ހެކި ހޯދުމުގެ ފުރުސަތު ބޮޑީވެސް އެގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ދެމީހުން ދޫކޮށްލުމުގައި އެއްވެސް ފަރާތެއް ނުފޫޒެއް ފޯރުވާފައިވޭތޯ މެންބަރަކު ސުވާލުކުރެއްވުމުން މަންނާނު ވިދާޅުވީ، އެއްވެސް ފަރާތެއްގެ އެއްވެސް ނުފޫޒެއްް އޮވެގެން މި މައްސަލަައިގެ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ. އަދި އެ ނިންމުންތަކަކީ ތަހުގީގުގައި ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ނަގާފައިވާ ނިންމުންތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލަ ބަލަމުން އަންނަ ސެކްޝަންގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް އަޒުމާ ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ ކެންޔާ އަންހެން މީހާގެ ޓެސްޓު ހަދަން ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ލިޔެކިޔުންތައް ނެތުމުން އެވަގުތު ޓެސްޓު ހެދޭ ގޮތް ނުވި ކަމަށެވެ. އެހެންކަމުން ފުލުހުންގެ ވެހިކަލުގައި އޭނާ ގޮވައިގެން އޭނާގެ ގެއަށް ގޮސް، އޭނާ ތެމިފައި ހުރުމުން އެއްޗެހި ބަދަލުކޮށް ލިޔެކިޔުންތައް ހިފައިގެން އައިސް ޑޮކްޓަރަށް ދެއްކި ކަމަށާއި ޑޮކްޓަރުގެ ރިޕޯޓު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެކަމާ ގުޅިގެން އޭނާ ޑޮކްޓަރަށް ދެއްކުމަށް އުޒުރުވެރިވި ކަަމަށެވެ.
"އޭނާ ބުނީ ޑޮކްޓަރަށް ދައްކާވަރުގެ ކަމެއް ދިމައެއް ނުވެއޭ، އެކަމަކު އެއީ އަޅުގަނޑުމެންގެ ތަހުގީގަށް ބޭނުންކަމެއް ކަމަށް ވިސްނައިދީގެން އެކަން ކުރީ." ފުލުހުން ބުންޏެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު