ކެންޔާގެ އަންހެނަކަށް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި މައްސަލައިގެ ކަންބޮޑުވުންއާންމުންގެ މެދުގައި ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި އެކަން ހާއްސަ މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީއާއި އައިޖީއެމްއެޗު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ސަފާރީގައި ހިނގި ހާދިސާއާ ގުޅިގެން އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އޭނާއާ ހިސާބަށްވެސް އެކަމުގެ ޝަކުވާ އައިސްފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ތަހުގީގުތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި ތަހުގީގުގައި ނުފޫޒެއްވޭތޯ ނުވަތަ ނުވޭތޯވެސް ބަލާނެ ކަމަށެވެ. އަދި މި ތަހުގީގަށް ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެގެން އަޅުގަނޑު މި ދެންނެވީ. މި ތަހުގީގު އެއީ އަޅުގަނޑުމެން މި ބަލަމުންދާ ތަހުގީގުތަކުގެ ތެރެއިން ހިމެނޭ ކަމެއް. އެ ތަހުގީގު ހިނގައިދިޔަ ގޮތާއި ނުފޫޒެއް އައިސް އޮތްތޯ ނުވަތަ ނޫންތޯއާއި އާންމު ގޮތެއްގައި މިބާވަތުގެ ތަހުގީގުތައް ހިނގަނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލާނަމޭ. މި ތަހުގީގު ވަކިން ހާއްސަކޮށް އަޅުގަނޑުމެން ބަލާފައި ކަންތައް ހިނގައިދިޔަ ގޮތް ދިރާސާ ކުރާނަން،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށާއި އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.