މިއަހަރުގެ މިހާތަނަށް އައި އިރު ޖިންސީ ގޯނާގެ 106 މައްސަލައެއް ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީއާއި އައިޖީއެމްއެޗު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ މިދިޔަ އަހަރު ހުށަހެޅުނު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ތެރެއިން 122 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަތައް ކޯޓަށް ހުށަހެޅުމަށް އެވްރެޖްކޮށް 70 ދުވަސް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަހަރުގެ މިހާތަނަށް 106 މައްސަލަ ހުށަހެޅިފައި މިވަނީ. މި 106 މައްސަލަ ކޯޓަށް ހުށަހަޅަން އަޅުގަނޑުމެން ނެގީ 30 ދުވަސް،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަހަރު މަސައްކަތްތައް ވަރަށް ބޮޑުތަނުން ހަލުވި ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް 39 ދުވަހަކީ އަދިވެސް މައްސަލަތައް ހުށަހަޅަން ވަރަށް ގިނަ ދުވަސް ކަމަށާއި އެމުއްދަތު ވީހާވެސް ކުރު ކުރެވޭތޯ އަދިވެސް މަސައްކަތް ކުރާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިދިޔަ މާރިޗް މަހަކީ ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު އެންމެ ގިނައިން މައްސަލަ ހުށަހެޅުނު މަސް ކަމަށާއި އެގޮތުން މާޗް މަހު އެކަނިވެސް 33 މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާ ކަަމަށެވެ. އަދި ވިދާޅުވީ ހާދިސާއެއް ހިނގުމުން އެ ހާދިސާއަކާ ގުޅިގެން މީހުން ރިޕޯޓް ކުރުން އިތުރުވެގެންދާ ކަމަށެވެ.

"ޖެނުއަރީ މަހު ރިޕޯޓް ކުރާ ވަރު އިތުރުވެފައި އޮތީ ކަނޑުހުޅުދޫގައި ހިނގައިދިޔަ މައްސަލައެއްގެ. އެއާ ގުޅިގެން ވަރަށް ގިނަ މައްސަލަތަކެއް ރިޕޯޓް ކުރެވިގެންދިޔަ. އަނެއްކާ މިހާރު މި ހިނގައިގެން އުޅޭ ކަންތަކާ ގުޅިގެންވެސް ވަރަށް ބައިވަރު މައްސަލަ ރިޕޯޓް ކުރެވެމުންދާނެ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ޕެޓާންތައް މިހާރު ހުންނަ ގޮތް އެނގޭ ކަމަށާއި މައްސަލަތައް އަންނާނީ ކޮން އަތޮޅުތަކުންނާއި ރަށްތަކަކުން ކަން މިހާރު އެނގޭ ކަމަށެވެ. އެވަރުގެ ދިރާސާތަކެއް މިހާރު ކުރެވިފައިވާ ކަމަށާއި އެހެންކަމުން މައްސަލަތައް އަންނާނެ ދިމާތައް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.