ޖިންސީ ގޯނާ ލިބޭ ކުދީން ޑޮކްޓަރަށް ނުވަތަ ކަމާ ބެހޭ ފަރާތްތަކަށް ގެންދިއުމުގެ ކުރިން އެކުއްޖާ ނުވަތަ މީހާ ފެންވެރުވުމުން ހެކި ނެތިގެން ދާ ކަމަށާއި މިއީ ވަރަށް ސީރިއަސްކޮށް އާއިލާތަކުން ވިސްނަން ޖެހޭ ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުަސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީއާއި އައިޖީއެމްއެޗު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތަކުގައި ހެކި ރައްކާކުރުމަކީ އެ މައްސަލަ ސާބިތުކުރުމަށް ލިބޭނެ އެންމެ ބޮޑު ބާރު ކަމަށެވެ.
އެގޮތުން ޖިންސީ ގޯނާ ލިބޭ ކުދިން ޑޮކްޓަރަށް ނުވަތަ އެހެންވެސް ކަމާބެހޭ ފަރާތަކަށް ގެންދިއުމުގެ ކުދިން އެކުއްޖާ ނުވަތަ މީހާ ފެންވެރުވުމުން ހެކިތައް ނެތިގެންދާ ކަމަށާއި އެހެންކަމުން އެގޮތަށް އަމަލު ނުކުރެއްވުމަށް ޕީޖީ ޝަމީމް އިލްތިމާސްކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އާދަކާދައިގެ ތެރޭގައިވެސް އެބަ އޮވޭ ކަމެއް ދިމާވީމާ ކުއްޖާ ފެންވަރުވައިގެން ރީތިކޮށްގެން ހޮސްޕިޓަލަށް ގެންދިއުން. މިހެން ގެންދިޔައީމަ ހަގީގަތުގައި ހެއްކެއް ނުލިބޭނެ. ވަރަށް މުހިންމު ކަމެއް އެއީ ވީހާވެސް އަވަހަކަށް ކަމާ ބެހޭ ފަރާތަކަށް ހުށަހެޅުން،" ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ، ގާނޫނު އަސާސީގައި އޮންނަ ގޮތުން ހެއްކާ ނުލައި އެއްވެސް މައްސަލައެއް ސާބިތު ނުކުރެވޭނެ ކަމަށާއި އެގޮތުން އަމިއްލައަށް އިއުތިރާފުވި ނަމަވެސް މައްސަލަ ސާބިތުކުރުމަށް ހެކި ބޭނުންވާނެ ކަމަށެވެ.
ހެކި ރައްކާތެރިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ބަޔަކީ ޖިންސީ ގޯނާ ލިބޭ ކުއްޖާ ނުވަތަ މީހާގެ އާއިލާއާއި ގާތް ރަހުމަތްތެރީން ކަމަށް ޝަމީމް ވިދާޅުވިއެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް