ކިތަންމެ ވަރަކަށް ފޮށި ބަނަސްވެސް ވަގަކު އެބަ ވައްކަން ކުރާކަން ރާއްޖޭގެ ރައްޔިތުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ރައީސް މިހެން ވިދާޅުވީ، މަޖިލިސް މެންބަރުންގެ، އަނބިން، ފިރިން ނުވަތަ 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތަށް، މަޖިލިސް މެންބަރުންގެ މާލީ ބަޔާން ޝާއިއު ކުރަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ވަގަކަށް ހާސް ދުވަސް އޮންނަ ކަމަށާއި، މުއުމިނަކަށް އޮންނަނީ އެއްދުވަސްކަން ވިދާޅުވެ، މަޖިލިސް ރައީސް ވިދާޅުވީ، ކިތަންމެ ވަރަކަށް ފޮށި ބަނަސް ވަގަކު އެބަ ވައްކަންކުރާކަން، ރާއްޖޭގެ ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑުމެން އިއްޒަތްތެރި މެންބަރުންނަށް އެބަ އެނގިވަޑައިގަންނަވާ، ރާއްޖޭގެ ރައްޔިތުންނަށް ވެސް އެބަ އެނގިލައްވާ ވަރަށް ސާފުކޮށް، ކިތަންމެ ވަރަކަށް ފޮށި ބަނަސް ވެސް، ވަގަކު އެބަ ވައްކަންކުރޭކަން. އަދި އަޅުގަނޑު މިތަނުގައި އަޅުގަނޑުގެ ހުރިހާ އަނބިދަރީންގެ ހުރިހާ މައުލޫމާތަކާއި، މައިންބަފައިންނާއި، ބޮޑުބޭބެއިން، ޅިޔަނުން، ބޮޑުދައިތައިން، ދެބޭންގެ ދެދަރި މީހުން، ބޭބެއިންގެ ދަރީންގެ ހުރިހާ މައުލޫމާތެއް އަދި ހާމަކޮށް ނިންމައިލާފައި ހުންނައިރުވެސް، ހަމަ ކައިރީގައި ހުންނަ އެހެން އެކަކުވެސް ނުދަންނަ، ކޮންމެވެސް އެހެން ނަމެއް ކިޔާ މީހަކު އެބަހުރޭ، އޭނަގެ އެކައުންޓަށް މި ގޮސްގޮސް ހުންނަ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަން އަކީ ތަރައްގީއަށް އެޅޭ ހުރަކެއް ކަމަށެވެ.

ރައްޔިތުންނަށް އެކަން އެބަ އެނގެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލިސް މެންބަރުންގެ، އަނބިން، ފިރިން ނުވަތަ 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތަށް، މަޖިލިސް މެންބަރުންގެ މާލީ ބަޔާން ޝާއިއު ކުރަން ޖެހޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.