މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާއިރު، މިސްކިތަށް ދާންވާނީ ގެއިން ވުޟޫކޮށްގެން، މުސައްލަ ހިފައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެންއީއޯސީ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެކަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެގޮތުން މިސްކިތުގައި އުޅޭ އިރު ވަކި ގޮތްތަކަކަށް އަމަލު ކުރުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގައި އަމަލު ކުރަންޖެހޭ ގައިޑްލައިނެއް މިހާރު ވަނީ ނެރެފައެވެ.
- ބަންގިއަށް ފަހު ފަސް މިނިޓު ތެރޭގައި ގަމަތް ދީ ނަމާދު ފެށުން
- އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުކުރުން
- ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުހާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން
- ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
- މުސައްލައެއް ގެންދިއުމާއި އެމީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން
- މާސްކު އެޅުން
- މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
- މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން
- ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑުނުކުރުން
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުން
- މިސްކިތުގައިވާ ޚަތިމުތައް ބޭނުން ނުކުރުން
- ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅާފައި ނެތުން
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
- ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުން
- ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުން
- އެއާކޯން ބޭނުން ކުރާ ނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުން
މިނިސްޓްރީން ބުނީ މިދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ފަރުޟު ނަމާދުގެ އިތުރުން ހެޔޮއަމަލުތައް ގިނަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު