ރަށްރަށުން މާލެ އަންނަން ބޭނުންވާ މީހުންނަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ނޭޝަނަލް އިމަޖެންސީ އިޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގެ އެހެން ރަށަކުން މާލެއަށް ދަތުރުކުރާ މީހުން އެއްވެސް ހުއްދައެއް ނުނަގައި މިހާރު މާލެ އާދެވޭނެ ކަމަށެވެ.

"އެއްވެސް ޕާމިޓެއް މިކަމަށް ބޭނުން ނުވާނެ ކަަމަށް މިވަނީ ކަނޑައެޅިފައި،" މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެއިން ބޭރަށް ދަތުރުކުރާނަމަ ކުރިންވެސް އޮންނަ ގޮތަށް އަމަލު ކުރަމުން އައި ގޮތަށް ކަމަށެވެ. އެގޮތުން މާލެއިން ނުވަތަ ކޮވިޑްގެ ބަލިމަޑުކަން ފެނިފައިވާ ރަށަކުން އެނބުރި ދާ ރަށަކަށް ދިޔުމަށް ފަހު، އެމީހަކު ހުންނަން ހަމަޖެހިފައިވާ ގެއެއްގައި، 14 ދުވަސް ހަމަވަންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެއިން އެހެން ރަށަކަށް ދަތުރުކުރާނަމަ ހަމަ މިހާރުވެސް ކަނޑައެޅިފައި އޮތް ގޮތަށް ހާލު ބެލުން އެޕް މެދުވެރިކޮށް މިކަން ކުރުމަށް. މިކަން ކުރާ ގޮތަކީ ހާލު ބެލުން ވެބްސައިޓް މިހާރު އިނދޭ. ކޮންމެ ބޭފުޅަކަށްވެސް ވަދެވޭ ގޮތަށް ލޮގިން ވުމަށްފަހުގައި ހުއްދަ އަކަށް އެދެން ފުރަންޖެހޭ ފޯމެއް އެ އެޕްލިކޭޝަނުގައި އޮވޭ. ދެން އެ ފޯމް ފުރުމަށްފަހު ވެރިފައި ކުރުމަށް އަޅުގަނޑުމެންގެ ޓީމުތަކުގެ ފަރާތުން ގުޅުއްވާނެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ހާލު ބެލުން އެޕް މެދުވެރިކޮށް ހުއްދަ ލިބޭނެ ކަަމަށެވެ. އަދި ހުއްދައިގެ ލިޔުން ލިިބިފައިވާކަން މެސެޖް މެދުވެރިކޮށް ލިބުން ލަސްވާނަމަ ކޮންމެ ދުވަހަކުވެސް އެ އެޕް މެދުވެރިކޮށް ޗެކް ކޮށްލަން އެދޭ ކަމަށެވެ.