މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާއިރު، އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިނިސްޓްރީން ބުނީ މާދަމާގެ މަޣްރިބު ނަމާދުން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން އެންމެ ރަނގަޅު ކަމަށެވެ.

  • ބަންގިއަށް ފަހު ފަސް މިނިޓު ތެރޭގައި ގަމަތް ދީ ނަމާދު ފެށުން
  • އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުކުރުން
  • ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުހާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން
  • ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
  • މުސައްލައެއް ގެންދިއުމާއި އެމީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން
  • މާސްކު އެޅުން
  • މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
  • މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން
  • ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން
  • ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑުނުކުރުން
  • މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުން
  • މިސްކިތުގައިވާ ޚަތިމުތައް ބޭނުން ނުކުރުން
  • ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅާފައި ނެތުން
  • ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
  • ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުން
  • ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުން
  • އެއާކޯން ބޭނުން ކުރާ ނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުން

މިނިސްޓްރީން ބުނީ މިދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ފަރުޟު ނަމާދުގެ އިތުރުން ހެޔޮއަމަލުތައް ގިނަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ރައީސް އިބްރާހިމް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ އޮފީސްތައް ހުޅުވައި، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތައް މާދަމާއިން ފެށިގެން އޮޕަރޭޝަނަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، ކޮވިޑްގެ ކަންކަން މެނޭޖްކުރަމުން އަންނަ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ އޮޕަރޭޝަންތައް މާދަމާ އިން ފެށިގެން ހުއްޓާލާނެ ކަމަށެވެ. އެތަނުގެ މަސައްކަތްތައް މާދަމާ އިން ފެށިގެން ކުރާނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.

ލޮކްޑައުންއަށް އިތުރު ލުއިތަކެއް މާދަމާއިން ފެށިގެން ދޭއިރު، ކޮވިޑް ނެތް ރަށްރަށުގެ ކިޔެވުން ވެސް ފެށޭނެއެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ވެސް އަންނަ މަހުގެ 15 ގައި ހުޅުވާލައި ރިސޯޓުތައް ހުޅުވުމުގެ ހުއްދަވެސް ދޭން ނިންމަވާފައިވާ ކަމަށް ރައީސް ސޯލިހު މީގެ ކުރީން ވަނީ ވިދާޅުވެފައެވެ.