ރައީސް އޮފީސް

''ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ''

ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އާ އާންމު ހާލަތުގެ ދަށުން ސަރުކާރުގެ އޮފީސްތައް ހުޅުވަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރައްވައި ރައީސް މިހާރު ވަނީ، ކުރިއަށް އޮތް ދެ ދުވަހު ވެސް ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ނުހުޅުވައި، ސަރުކާރުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ނިންމަވައިފައެވެ.

އެގޮތުން ކުރިއަށް އޮތް ދެ ދުވަހު އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް އެމަނިކުފާނު ވަނީ ހަމަޖައްސަވައިފައެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު "ވަން" އަށް ވިދާޅުވީ، ސަރުކާރުގެ އޮފީސްތައް އާންމުކޮށް ހުޅުވާލައްވަން ރައީސް ނިންމެވުމާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންތައްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތައް ހުޅުވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ، މި މުއްދަތުގެ ތެރޭގައި އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިނުލި ނަމަވެސް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެ އިދާރާތަކުން ދެވޭނެ ކަމަށެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ އޮފީހެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެ އޮފީހަކުން ހުށަހަޅުއްވުމުން، އެ އެޖެންސީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭ ވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދިއުމަށް ވެސް އޮފީސްތަކަށް ރައީސް ވަނީ އަންގަވައިފައެވެ.