ރައްޔިތުންގެ މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، އެފްއޭއެމް ހިންގަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަަށް ބުނެ، ސްޕޯޓްސް މިނިސްޓްރީން ފިޔަވަޅު އަޅަން ގޮވާލައި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް މަޖިލީހަށް މައްސަލަ ހުށަހެޅުއްވި ގަރާރަކީ، ގާނޫނާ ހިލާފަށް ހުށަހެޅުއްވި ގަރާރެއްކަަމަށް، މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވުމާ ގުޅިގެން ޝަރީފަށް ރައްދު ދެއްވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، "މީ މަސްކައްކާ ތަނެއްވެސް ނޫން، މިއީ އިތުރު އެހެން ކަމެއް ކުރާތަނެއްވެސް ނޫން، މިއީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާތަން،" ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ދިވެހި ދައުލަތުގެ އެހެން މުއައްސާތައްވެސް ޖަވާބުދާރީ ކުރުވާތަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގައި ކުރާނެ ކަންތައްތައް ވަރަށް ސާފުކޮށް ގާނޫނުއަސާސީގަައި ބަޔާނޮށްފައިވާ ކަމަށާއި، މަޖިލީހަށް ހުށަހެޅޭ މައްސަލަ ތަކަކީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ހުށަހެޅޭ ތަކެތި ކަމަށެވެ.
މި މައްސަަލައަށް ވާހަކަ ދައްކަަވަމުން ޝަރީފް ވިދާޅުވީ، އެ މައްސަލައަކީ ގާނޫނާ ހިލާފަށް، ގާނޫނުން ނެތް ބާރެއް ބޭނުން ކޮށްގެން އަލީ އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.
މި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވުމުން ޝަރީފް ވިދާޅުވީ، ވަކި ބަޔަކު ގާނޫނާ ހިލާފުވެއްޖެކަން ކަނޑައަޅައި، ވަޒީރެއްގެ މައްޗަށް ވަކި އަމުރެއް ނެރުމަށް މަޖިލީހަށް މައްސަލައެއް ހުށަ ނޭޅޭނެ ކަމަށެވެ.
"ގާނޫނާ ހިލާފަށް މި މައްސލަ ހުށަހެޅީ، މިހާރު މިތަން ވެއްޖެ ޝަރީއަތް ކުރާތަނަކަށް، ހުކުމް ކުރާތަނަކަށް، މިތަން ވެއްޖެ ބަދަލު ހިފުމަށް މައްސަލަތައް ހުށަހަޅާ ތަނަކަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ބަޔަކު ގާނޫނާ ހިލާފު ވެއްޖެނަމަ އެމައްސަލަ ހުށަހަޅަން ޖެހޭނީ ކޯޓަށް ކަމަށެވެ. ވަޒީރަކު މަޖިލީިހަށް ޖަވާބުދާރީ ކުރުވޭނީ، އެ ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްގެންނާއި، އިތުބާރު ނެތް ނަމަ މަޖިލީހުން އެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ކަމަށެވެ. ނަމަވެސް މަޖިލީހަށް މައްސަލައެއް ވައްދައިގެން ވަޒީރަކަށް ނުވަތަ، މުއައްސަސާއަކަށް ވަކިކަމެއް ކުރަން ވަކި ގޮތަކަށް ކުރަން މަޖިލީހުން އަމުރެއް ނުނެރެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ސަރުކާރުގެ ވަކި ވުޒާރާއަށް ވަކިކަމެއް ވަކި ގޮތަކަށް ލާޒިމްކޮށް އަމުރު ކުރަން މިތަނަށް މައްސަލައެއް ހުށަހަޅައިގެން ވަލު ދޮރާށިން ވަންނަ ވަނުމަކީ ރާއްޖޭގައި އޮތް ޖުމްހޫރިއްޔާގެ ތިންބާރު ވަކިކޮށްފައިވާ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން،،" ޝަރީފް ވިދާޅުވިއެެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް