މަޖިލިސް މެންބަރު އަލީ އާޒިމް

އެފްއޭއެމާ މެދު ގާނޫނީ ފިޔަވަޅު ނޭޅުމަކީ، ސްޕޯޓްސް މިނިސްޓަރަށް އަޅުގަނޑުގެ އިތުބާރު ނެތުން: އާޒިމް

އިބްރާހިމް ޒަކީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގަނީ އެ އެ ސޯސިއޭޝަންގެ ހިންގާ ގަވާއިދާއި، ކުޅިވަރުގެ ގާނޫނާއި ޖަމިއްޔާތަކުގެ ގަވާއިދާ ހިލާފަށް ކަމަށާއި، އެކަމާގުޅިގެން އެ އެސޯސިއޭޝަނާ މެދު ސްޕޯޓްސް މިނިސްޓްރީން ގާނޫނީ ފިޔަވަޅު ނޭޅުމަކީ، ސްޕޯޓްސް މިނިސްޓަރުގެ މައްޗަށް އޭނާގެ އިތުބާރު ނެތުމަށް އޮތް ސަބަބެއް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް ވިދާޅުވީ، އެފްއޭއެމްވެސް ހިނގަން ޖެހޭނީ ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތައްކަން ކަށަވަރު ކުރަންޖެހޭ ކަމަށާއި، އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީވެސް އެ މަގުސަދުގައި ކަމަށެވެ. އަދި އެ މައްސަލައަކީ، ގާނޫނުގައިވާގޮތަށް ސްޕޯޓްްސް މިނިސްޓަރާއި، ސްޕޯޓްސް ކޮމިޝަނަރު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު ނާޅާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ހުރިހާ ފަރާތްތަކާދޭތެރޭ އެފްއޭއެމުން ކަންތައް ކުރަން ޖެހޭނީ އެއް ހަމައެއްގައި އެއްގޮތަކަށް އެއް އުސޫލަކުން ކަމަށް ގާނޫނުގައި ބުނާއިރު ކަން ކުރަނީ އެގޮތަށް ނޫން ކަމަށެވެ. އެފްއޭއެމް ހަމަ މަގަށް އަޅުވަން މަސައްކަތްކުރި ކޮންމެ ކުލަބެއް އޮތީ ސަސްޕެންޑްކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ކުޅުންތެރިންނަށް މުސާރަ ނުދޭކަމަށް ބުނެ ރާއްޖޭގެ އެންމެ ބޮޑު ދެކުލަބު ކަމަށްވާ ވިކްޓްރީ އާއި ނިއުރޭޑިއަންޓް ސަސްޕެންޑްކުރީ އެފްއޭއެމްގެ ހިންގާ ގަވާއިދުން ބާރު ލިބިގެން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެދުމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކުލަބަކުންވެސް ހުންނަނީ ކުޅުންތެރިންނަށް މުސާރަ ނުދީ ކަމަށެވެ. އެހެންކަމުން މުސާރަ ނުދީގެން ފިޔަވަޅު އަޅަންޏާ އެކަން ކުރަން ޖެހޭނީ ހަމަހަމަކަމާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެ މައްސަލައަކީވެސް ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކޮމިޝަނަރު އެ އެސޯސިއޭޝަނާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ. އެފަދަ އެތައް ކަމެއް ހިނގާއިރު އެފްއޭއެމް އަށް ފިޔަވަޅު އެޅުން މިހާރުވެސް މާ ލަސްވެއްޖެ ކަމަށާއި، ނާޖާއިޒް ގޮތުގައި ވިޔަފާރި ކުންފުންޏެއްހެން އެ އެއޯސިއޭޝަން ހިންގިޔަ ނުދީ މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ސްޕޯޓްސް މިނިސްޓަރަށް ގޮވާލައްވާކަމަށް އާޒިމް ވިދާޅުވިއެވެ.