ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ހުކުރު ދުވަހުުގެރޭ ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށްބުނާ މައްސަލައާ ގުޅިގެން ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ހުށަހެޅުއްވި މި ކުއްލި މައްސަލަ ބަލައިގަތީ، ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 35 މެންބަރުންގެ އިއްތިފާގުންނެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު ނަޝީދު ވިދާޅުވީ، ސަފާރީގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ކުށުގެ ވެށިން ހައްޔަރު ކޮށް ފުލުހުން އަމަލު ކޮށްފައިވާ ގޮތުން އެ މައްސަލައިގައި ޖިންސީ ގޯނާ ލިބުނު ފަރާތުގެ ހައްގުތަކަށް އުނިކަން ލިބިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ޖިންސީ ގޯނާގެ މައްސަލައިގެ ތަހުގީގު ކުރުމަށް، ސިޔާސީގޮތުން ބާރުވެރި ފަރާތްތަކެއްގެ ނުފޫޒު ފޯރަމުންދާތީ މިނިވަންކަމާއެކު މި މައްސަލަ ތަހުގީގު ކުރެވިދާނެކަމަށް ނުބެލެވޭތީ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެފަދަ ކަންކަން ތަކުރާރު ވަމުން ދަނީ މިކަމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި އިހުމާލުތަކެއް އޮވެގެން ކަމަށް ވާތީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށް ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ފެންނާތީ، މިކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ސަރުކާރާއި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މައްސަލަ ހުށަހެޅުއްވީ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.