މިރޭ ކުޅުނު ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި ޕާކިސްތާން ބަލިކޮށް، އިންޑިއާއިން 10 ވަނަ ފަހަރަށް ސަރަހައްދީ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި ފައިނަލް މެޗު އިންޑިއާއިން ކާމިޔާބުކުރީ 2-1 އިންނެވެ. އެއީ ފަހަތުން އަރައެވެ. އިންޑިއާއިން ވަނީ މިހާތަނަށް 1993, 1997, 1999, 2005, 2009, 2011, 2015, 2021، 2023 އަދި މިއަހަރުވެސް ސާފްގެ ތަށި ހޯދައިފައެވެ.

މިރޭގެ ފައިނަލަށް މެޗު ވެގެންދިޔައީ ވާދަވެރިންގެ ކުރިމަތިލުމަކަށެވެ. ޕާކިސްތާނާއި އިންޑިއާގެ ވާދައަކީ ކުޅިވަރުން ބޭރުގައިވެސް ބޮޑު ވާދަވެރިކަމަކަށްވީ އިރު، މެޗުގެ ކުރިން ދެ ކޯޗުންވެސް ބުނީ ދަނޑު ބޭރުގެ އެއްވެސް ކަމެއް މެޗަށް ނުގެންނާނެ ކަމަށެވެ. ހުރިހާވެސް ފޯކަސްއެއް މެޗަށް އޮތް އިރު، ތާރީހު ބުރަވެފައި އޮތީ އިންޑިއާ ކޮޅަށެވެ. މިދިޔަ ދެ އަހަރުގެވެސް ޗެމްޕިއަން އިންޑިއާއަށް މިއީ 13 ވަނަ ފައިނަލެވެ.

އިންޑީއާއިން ވަނީ މިހާތަނަށް ނުވަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ކާމިޔާބުކުރި 1993 ވަނަ އަހަރު މުބާރާތަކީ ލީގު އުސޫލުން ކުުޅުނު މުބާރާތެކެވެ.

އަނެއްކޮޅުން ޕާކިސްތާނަށް މިއީ ތާރީހުގައި ފުރަތަމަ ފައިނަލެވެ. ޕާކިސްތާނަށް އެންމެފަހުން އިންޑިއާ ބަލިކުރެވިފައި އޮތީ 2005 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އޭގެފަހުން 2008 ވަނަ އަހަރާއި، 2013، 2018 ގެ އިތުރުން 2023 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕާއި މިފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުންވެސް އިންޑިއާއިން ވަނީ ޕާކިސްތާން ބަލިކޮށްފައެވެ.

މިރޭގެ މެޗަށް ސާފުން ޓިކެޓް އަގުހެޔޮ ކޮށްފައިވުމާއެކު ކޮންމެވެސް ވަރަކަށް ސަޕޯޓަރުން ވަދެފައިވެއެވެ. އޭގެ ތެރެއިން ގިނަ ސަޕޯޓަރުން ޕާކިސްތާނަށް ސަޕޯޓް ކުރަމުން ގޮސްފައިވާ އިރު، މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި ފުރަތަމަ ފުރުސަތު ފަހިވީ އިންޑިއާއަށެވެ. ޕާކިސްތާން އޭރިއާ ތެރެއިން ސުހައިލް އަހުމަދު ބަޓަށް ލިބުނު ބޯޅައިގައި އޭނާ އެތެރެއަށް ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ މާ ބޮޑަށްވެސް މިސްރާބުން ކަސިޔާރު ވެގެން ބޭރަށެވެ.

އޭގެފަހުން ޕާކިސްތާނުން ރަނގަޅަށް މެޗު ތެރެއަށް ވަދެ، ނުރައްކާވެސް ކުރިއެވެ. ޕާކިސްތާނުން ފިޒިކަލީ މެޗު ޑޮމިނޭޓް ކުރަމުން ގޮސްފައިވާ އިރު، އެޓީމުގެ ފުރަތަމަ ހަމަލާ ފެނުނީ 17 ވަނަ މިނެޓުގައެވެ. މެދުތެރެއިން އާދިލް ނަބީ މަތި މަތިން ޖައްސާލި ބޯޅައަށް އިންޑިއާ ކީޕަރު އާޝް އަންވާރް ޝެއިހް އޭރިއާ ބޭރަށް ނުކުމެ ބޮލުން ޖައްސާލި ބޯޅަ މުހައްމަދު އަލީ އަކްބަރު ހާނަށް ފޮނުވާލަން ލިބުނު ނަމަވެސް، އޭނާއަށް ރަނގަޅަށް ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.

ދެން އޭގެފަހުން ޕާކިސްތާނުން ވަނީ ވޯޓާ ބްރޭކާ ހަމައަށް ފުލުފުލުގައި ނުރައްކާ ކޮށްފައެވެ. މިނެޓެއް ފަހުން ކޯނަރެއްގައި އަރިމަތިން ނަގައިދިން ބޯޅަ އޭރިއާ ތެރެއިން މިކިއެލް އަރޫން އަބްދުﷲ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ކީޕަރު އާޝް އަތަށެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ޕާކިސްތާނަށް ފުލުފުލުގައި ތިން ފުރުސަތެއް ލިބުނެވެ.

ފުރަތަމަ ހާރިސް އަލީ ޒެބް އަރިމަތިން ނަގައިދިން ބޯޅަ ކުޅުންތެރިޔަކު ފައިގައި ލައްވާ ނުލައި ދިޔަ އިރު، އޭރިއާ ބޭރުން އާދިލް ނަބީ ފޮނުވާލި ހަމަލާ މަތަކުރީ އިންޑިއާ ކީޕަރު އާޝްއެވެ. އަދި އެ ބޯޅަ ސާފުކޮށް ނުލެވިގެން އުޅެނިކޮށް، އޭރިއާ ތެރެއިން އަރޫން އެނބުރިލާފައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ޕާކިސްތާނުގެ އެ ނުރައްކާތަކަށްފަހު ވޯޓާ ބްރޭކް ވެގެންދިޔައީ އިންޑިއާއަށް ހަމަޖެހިލަން ލިބުނު ފުރުސަތަކަށެވެ. އޭގެ ފަހުން އެޓީމުން ކޮންމެވެސް ވަރަކަށް އެޓޭކަށް މަސައްކަތް ކުރި އިރު، 34 ވަނަ މިނެޓުގައި ގޯލަކާ ގާތަށްވެސް ޖެހިލިއެވެ. އަރިމަތިން ވިޝްނޫ ޕުތިޔާ އޭރިއާ ތެރެއަށް ވަދެ ނަގައިދިން ބޯޅަ ސުހައިލް ބޮލުގައި ލައްވާ ނުލާ ދިޔުމުން މަންގްލެންތަންގް ލުންދްގަމް ފޮނުވާލި ނަމަވެސް އެ ބޯޅަވީ ބްލޮކެވެ. އަދި ރިބައުންސްގައި އޭރިއާ ބޭރުން ރިކީ ޖޯން ޝަބޮންގް ފޮނުވާލި ބާރު ހަމަލާ މަތަކުރީ ޕާކިސްތާން ކީޕަރު ޔޫސުފް އީޖާޒް ބަޓެވެ. އެއީ އިންޑިއާއިން މެޗުގައި ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއެވެ.

އޭގެފަހުން އެއްވަރުވެގެން ހާފު ނިމެން ދަނިކޮށް ޕާކިސްތާނުން އެ ހާލަތު ބަދަލުކޮށްލީ ހާފުގެ އެންމެ ފަހުވަގުތުގައެވެ. ހާފުގެ ފަހު ސިކުންތުކޮޅުގައި ޕާކިސްތާނަށް ލީޑު ނަގައިދިން ގޯލް ޖަހައިދިނީ އަލަމްގީރް އަލީ ހާން ގާޒީއެވެ. އިންޑިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ހިތްގައިމު ގޯލެއް ޖެހީ އަލްގީރް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލްގެ ކަނަށެވެ.

އެއާއެކު އިންޑިއާއިން ދެވަނަ ހާފަށް ނުކުތީ ކުޅުން ރަނގަޅު ކުރުމަށެވެ. އެ މަންޒަރު ކޮންމެވެސް ވަރަކަށް ފެންނަންވެސް ފެނުނެވެ. ހާފުގެ ކުރީކޮޅުގައި ބަދަލަކަށް ނުކުތް މެކާޓަން ލުއީ ނިކްސަން އަރިމަތިން ކުރިއަށް ޖެހި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ކީޕަރު އީޖާޒް އަތުގައި ޖެހި ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް ދިޔަ އިރު، ހާލަތު ބަދަލުވީ 55 ވަނަ މިނެޓުގައި ހިނގި ހާދިސާއަކުންނެވެ.

ޕާކިސްތާން ކުޅުންތެރިޔާ ޖުނައިދު ޝާހް ކުރި ފައުލަކަށް ރަތް ކާޑެއް ދައްކަން ޖެހޭ ހާލަތެއް އޮތްތޯ ރެފްރީ ވީއޭއާރް ބެލުމަށްފަހު، އޭނާއަށް ރަތް ކާޑު ދައްކާފައިވާ އިރު، އެއާއެކު ޕާކިސްތާނުގެ ފޯކަސް ގެއްލުނެވެ. ނަތީޖާއެއްގެ ގޮތުން 60 ވަނަ މިނެޓުގައި އިންޑިއާއިން މެޗު އެއްވަރުކުރިއެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލަށް ވައްދާލީ ސުހައިލްއެވެ.

އެހިސާބުން އިންޑިއާގެ ނުރައްކާ ބޮޑުވިއެވެ. އޭގެ އިރުކޮޅެއްފަހުން ބްރިސޮން ޑޫބެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އީޖާޒް ބަޓް މަތަކުރި އިރު، އިންޑިއާ ފެނުނީ އާ ހިތްވަރަކާއެކު ކުޅުނުތަނެވެ. ޕާކިސްތާނަށް ހާލަތު ބަދަލުވިއެވެ.

ގާތްގަނޑަކަށް މަޑު ޓެމްޕޯއެއްގައި ފަހު ވަގުތާ ހަމައަށް ދިޔަ މެޗުން އިންޑިއާ މޮޅުވީ 85 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. ކޯނަރެއްގައި ބޮލުން ފޮނުވާލި ބޯޅައިގައި އިންޑިއާގެ ދެވަނަ ގޯލް ޖަހައިދިނީ ސަންޑީޕް މަންޑީއެވެ. މަޑުމަޑުން ދިޔަ ބޯޅަ ގޯލަށް ވަނީ ކީޕަރު އީޖާޒް އަތުގައި ޖެހިފައެވެ. އެއާއެކު އިންޑިއާއިން 10 ވަނަ ފަހަރަށް ތަށި ޔަގީންކުރިއެވެ. ޕާކިސްތާނަށް ހިތްދަތި ނިމުމެކެވެ.