ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ޕާކިސްތާނުން ހޯސްޓް ބަންގްލަދޭޝް ކަޓުވާލައި، ފައިނަލަށް ދަތުރު ކޮށްފިއެވެ.

ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ ސެމީގައި ޕާކިސްތާނުން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބަންގްލަދޭޝްއިން 23 އަހަރަށްފަހު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތް ނިމިގެން ދިޔައީ ކަރުނައިގެ ހިތްދަތިކަމާއެކުގައެވެ.

ބަންގްލަދޭޝްއާއި ޕާކިސްތާނަކީ މި ސަރަހައްދުގައި މިހާރު ވާދަވެރި ދެގައުމެވެ. ދެގައުމުގެ ފުޓުބޯޅައިގެ މިސްރާބުވެސް ހުރީ މައްޗަށެވެ. ގައުމުގެ ލޯކަލް ފުޓުބޯޅަ އެންމެ އެކަށީގެންވާ ގޮތެއްގައި ނެތް ނަމަވެސް، ގައުމީ ޓީމުތަކުގެ ފެންވަރު އަންނަނީ އުފުލެމުންނެވެ. އެއީ ޔޫރަޕްގެ އިތުރުން އެމެރިކާގެ ސަރަހައްދުގައިވެސް ދިރިއުޅޭ އެގައުމުތަކަށް ނިސްބަތް ވާ ކުޅުންތެރިން ގައުމީ ޓީމަށް ކުޅެމުންދިޔުމާއެކުގައެވެ. އެ ތަޖުރިބާ ދެޓީމުންވެސް ފެނެއެވެ.

ދާދިފަހުން ފީފާ އާސިއާން ކަޕްގައިވެސް ވާދަކުރި ދެގައުމު ކަމަށްވާ ޕާކިސްތާނާއި ބަންގްލަދޭޝްގެ ގްރޫޕް ސްޓޭޖު މެޗުތަކަށް ބަލާ އިރު، ބަންގްލަދޭޝް އޮތީ ފުރިހަމަ ރެކޯޑެއްގައެވެ. ދެމެޗުން ދެ މޮޅު ހޯދީ ކޮޅަށް ގޯލެއްވެސް ވަނަ ނުދީއެވެ. ބަންގްލަދޭޝްއިން ގްރޫޕް ސްޓޭޖުގައި ފަސް ގޯލް ޖެހިއެވެ. އެއީ ބޫޓާން ކައިރިން 1-0 އިން މޮޅުވުމުގެ އިތުރުން ސްރީ ލަންކާ ކައިރިން 4-0 އިން މޮޅުވެގެންނެވެ. ޕާކިސްތާނުން ރާއްޖެ ކައިރިން 3-0 އިން މޮޅުވި އިރު، ބަލިވީ އިންޑިއާ ކައިރިން ހަނި ގޮތަކަށެވެ. އެއީ 3-2 ގެ ނަތީޖާއަކުންނެވެ.

ދެގައުމުން އެންމެ ފަހުން ކުރިމަތިލީވެސް މިފަހަރު މުބާރާތް އޮންނަ ޑާކާ ނެޝަނަލް ސްޓޭޑިއަމްގައެވެ. އެއީ އޭރު ބަންގަބަންދު ސްޓޭޑިއަމެވެ. 2018 ވަނަ އަހަރު ބަންގްލަދޭޝްއިން އޮތީ 1-0 އިން ޕާކިސްތާން ބަލިކޮށްފައެވެ. އެހެން ނަމަވެސް އޭގެ ކުރިން 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ވަނީ 2-1 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ. 2009 އަދި 2011 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ދެ ގައުމުގެ ކުރިމަތިލުންތައް ގޯލެއް ނުޖެހި އެއްވަރުވި އިރު، 2005 ވަނަ އަހަރު ބަންގްލަދޭޝްއިން ޕާކިސްތާން ބަލިކުރީ 1-0 އިންނެވެ. އަދި 1999 ވަނަ އަހަރު ބަންގްލަދޭޝްއިން ސާފްގައި ޕާކިސްތާން ބަލިކުރީ 4-0 އިންނެވެ. އޭގެ ކުރިން 1995 ވަނަ އަހަރު ޕާކިސްތާނުން ބަންގްލަދޭޝް ކައިރިން 1-0 އިން މޮޅުވި އިރު، ސާފް ގޭމްސްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވީ ޕާކިސްތާނެވެ. ބަންގްލަދޭޝް މޮޅުވީ އެއް މެޗުންނެވެ.

ޕާކިސްތާނުން މިރޭގެ މެޗަށް ނުކުތީ އެޓީމަށް ކުޅޭ ޔޫރަޕްގެ ތަރިންނާއެކުގައެވެ. ސްވިޑެންގެ އެންމެފަހުގެ ޗެމްޕިއަން މިޔެލްބީއަށް ކުޅެމުން އަންނަ އަބްދުﷲ އިގްބާލަކީ ޓީމުގެ ކެޕްޓަން ކަމަށްވާ އިރު، އޭނާ މިރޭ މެޗަށް ނުކުތެވެ. ކުރިން އެސްޓަން ވިލާ ސްކޮޑުގައިވެސް ހިމެނުނު އީސާ ސުލައިމާނަކީވެސް މެޗުގެ 11 އަށް ނެރެފައިވާ އިރު، އިނގިރޭސި 16 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޓީމަށް ކުޅުނު އާދިލް ނަބީވެސް ފުރަތަމަ 11 އަށް ނުކުތެވެ.

ބަންގްލަދޭޝްއިން ޖަޕާނަށް އުފަން ޝޫކީ އޮތޮފޫސާ މިރޭ 11 އަށް ފޯވަޑަކަށް ނެރުނު އިރު، އަނިޔާގައި ހުރި ސާދުއްދީންގެ ބަދަލުގައި ފަހަތަށް ނެރެފައި ވަނީ އެމްޑީ ރަހްމަތު މިއާއެވެ.

ބަންގްލަދޭޝްއިން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކަށްވުރެ ގިނައިން މިރޭގެ މެޗަށް ސަޕޯޓަރުން ވަދެފައިވާ އިރު، ސްޓޭޑިއަމް އެއްކޮށް ނުފުރު އޮތީ މަދު ސީޓުތަކަކެވެ. އެހެން މެޗުތަކަށްވުރެ ވަރުގަދައަށް ސަޕޯޓަރުން އަޑު ހިއްޕާލާފައި އޮތް އިރު، މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެންވެސް އެ ޖަޒުބާތާއި ފޯރި ފެނުނެވެ. މި ފަހަކަށް އައިސް ސާފް ޗެމްޕިއަންޝިޕް މެޗެއްގައި ފެނުނު އެންމެ ވަރުގަދަ ސަޕޯޓެވެ.

ޕާކިސްތާނުން މިރޭގެ މެޗަށް ނުކުތީ ދޫ ދޭ ގޮތަށް ނޫންކަން ފުރަތަމަ ދެމިނެޓު ތެރޭގައިވެސް ފެނިގެން ދިޔައެވެ. އަލީ އުޒައިރު ދުރުން ފޮނުވާލި ބާރު ހަމަލާ ޕަންޗުކޮށް ސަލާމަތްކުރީ ބަންގްލަދޭޝްގެ ކީޕަރު މެހްދީ ހަސަން ސްރަބޮންއެވެ. އެ ހަމަލާއާއެކު ސަމާލުވާން ޖެހުނު އިރު، ބަންގްލަދޭޝްއިން ދެން ބެލީ ހިފަހައްޓައިގެން ކުޅުމަށެވެ. ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން ހަވަނަ މިނެޓުގައި ނުރައްކާކުރިއެވެ. އޭރިއާ ބޭރުން ލިބުނު ފުރުސަތުގައި ސައިދު ގާޒެމް ޝާހް ފޮނުވާލި ހަމަލާ ދިޔައީ އަނެއްކޮޅުން ޕާކިސްތާން ކީޕަރު ޔޫސުފް އީޖާޒް ބަޓްގެ އަތަށެވެ.

ހަމްޒާ ޗޯދުރީއާއި ޕާކިސްތާން ކެޕްޓަން އިގްބާލް ބޯޅައަށް މަސައްކަތް ކުރަނީ --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

ބަންގްލަދޭޝްއިން ކުރިއަށްދާ ކޮންމެ ބޯޅައެއްގެ އިތުރުން ދިފާއުކުރާ ކޮންމެ ބޯޅައެއްގައިވެސް ސަޕޯޓަރުން ދިޔައީ ކެކި އަރަމުންނެވެ. ދާދި ހަމަހަމަކޮށް ފުރަތަމަ 15 ވަރަކަށް މިނެޓް ފެނިގެން ދިޔަ އިރު، 22 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ލީޑު ނުނެގީ ހަމަ ކިރިޔާއެވެ. ކޯނަރެއްގައި އޭރިއާ ތެރެއަށް ވެއްޓުނު ބޯޅައެއްގައި ރާކިބް ހޮސައިން ފޮނުވާލި ބޯޅަ ކީޕަރު އީޖާޒް އަތުގައި ޖެހިފައި ދަނޑީގައި ޖެހި ގޯލް ލައިން މަތިން ކަހަލަ ގޮތަކަށް ދަނިކޮށް ސާފުކޮށްލީ ޖުނައިދު އަހުމަދު ޝާހެވެ.

އޭގެ އިރުކޮޅެއްފަހުން އަނެއްކޮޅުން ޕާކިސްތާން ނުރައްކާކުރިއެވެ. އަބްދުއް ސަމަދު ޝަހްޒާދް އޭރިއާ ތެރެއަށް ވަދެ ޖައްސާލި ބޯޅަ މަޑުމަޑުން ގޮސް ދަނޑިއަށް އަމާޒުވި އިރު، އެ ބޯޅަ އިތުރަށް ނުރައްކާ ނުވަނީސް ޒިދާން ޔޫސުފް ވަނީ ބޭރުކޮށްލައިފައެވެ. ސަޕޯޓަރުން ނޭވާ ހިފަހައްޓާލަން ޖެހުނު އެ ވަގުތު ކޮޅާއެކު އަނެއްކާވެސް ހާފު ނިމެންދިޔައިރު ބޮޑަށް ނުރައްކާ ކުރީ ބަންގްލަދޭޝްއެވެ.

ރާކިބްގެ ހަމަލާއެއް ގޯލަށް އަމާޒުނުވެ ދިޔަ އިރު، ޝަމިތު ޝޯމްއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ޕާކިސްތާން ކީޕަރު އަތަށެވެ. ވަރުގަދަ ހާފެއް ނިމިގެން ދިޔައީ ގޯލެއް ނުޖެހިއެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ 10 ވަރަކަށް މިނެޓުގައި ނުރައްކާކުރީ ބަންގްލަދޭޝްއިންނެވެ. އެހެން ނަމަވެސް ޕާކިސްތާނުން ފިޒިކަލް ވަރުގަދަ ގޭމެއް ކުޅެމުން ދިޔުމުގެ ސަބަބުން ހުސް ފުރުސަތުތަކެއް ހޯދަން އުނދަގޫވިއެވެ. މެޗުގެ 52 ވަނަ މިނެޓުގައި އަރިމަތިން ކުރި އެޓޭކެއްގައި ބަންގްލަދޭޝްގެ ފޯވަޑް ޝޫކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރާކިބް ފޮނުވާލި ބޯޅަ ވީ ބްލޮކެވެ.

އޭގެ އިރުކޮޅެއްފަހުން 61 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން އަނެއްކާވެސް ނުރައްކާ ކުރި އިރު، ހަލުވި ވިންގް ފަރްހާން އަލީ ވަހީދު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ހަނި ގޮތަކަށެވެ. އަނެއްކޮޅުން 77 ވަނަ މިނެޓުގައި ބަންގްލަދޭޝް އޭރިއާ ރޮނގު ކައިރިން ލިބުނު ހިލޭ ޖެހުމުގައި އާދިލް ނަބީ ފޮނުވާލި ހިލޭ ޖެހުން މަތަކޮށް ބޭރުކޮށްލީ ބަންގްލަދޭޝްގެ ކީޕަރު ސްރާބޮންއެވެ.

އޭގެ ދެމިނެޓު ފަހުން އަނެއްކާވެސް ޕާކިސްތާނުން ނުރައްކާ ކުރިއެވެ. ކޯނަރެއްގައި އަރިމަތިން ހިފައިގެން ވަދެ، ހާރިސް އަލީ ޒެބް ފޮނުވާލި ބާރު ހަމަލާ ދިޔައީ މަތިން ބޭރަށެވެ. އޭގެފަހުން 84 ވަނަ މިނެޓުގައި މުހައްމަދު އަލީ އަކްބަރު ހާން ފޮނުވާލި ބޯޅަ ކީޕަރު ސްރަބޮން އަތަށް ދިޔަ އިރު، އޭނާ އެއްލި ބޯޅަ ލިބުނީ ޕާކިސްތާން ކުޅުންތެރިޔަކަށެވެ.

އެ ބޯޅައިގެ ފައިދާ ނަގައި ޕާކިސްތާނުން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ އަބްދުލް ސަމަދު ޝަހްޒާދެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ވައްދާލީ ހަނި ކަނަށެވެ.

އެ ގޯލާއެކު މުޅި ދަނޑު ހަމަ ހިމޭންވިއެވެ. ޕާކިސްތާނުން ތާރީހު ލިޔެލައި ފައިނަލް ޔަގީންކުރި އިރު، އެޓީމުން ފައިނަލުގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއްވެސް ފެނިގެން ދިޔައެވެ. ބަންގްލަދޭޝް ސަޕޯޓަރުންގެ ފްލެއާތަކުން މެޗު ވަގުތުކޮޅަކަށް މަޑުޖައްސާލަންވެސް ޖެހުނެވެ. އެ ފޯރިގައި ޕާކިސްތާނުން މެޗު ކާމިޔާބުކޮށް ފައިނަލް ޔަގީންކުރިއެވެ.