ސާފް ޗެމްޕިއަންޝިޕް 2026 ގައި އެންމެ ވަރުގަދައަށް ދެކެވޭ ވާހަކައަކީ ބަންގްލަދޭޝްގެ ތަރި، ޝެފީލްޑް ޔުނައިޓެޑްގެ ހަމްޒާ ޗޯދުރީގެ ވާހަކަ ނަމަވެސް، އޭނާއަށް ނުވިސްނާ ކަމަށް ޕާކިސްތާނުގެ ކީޕަރު، ޑެންމާކުގެ ތިންވަނަ ޑިވިޝަންގެ ޔޫސުފް އީޖާޒް ބަޓް ބުނެފިއެވެ.
ޕާކިސްތާނާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ކުރިމަތިލާ އިރު، ދެގައުމަކީވެސް ޔޫރަޕްގައި ކުޅޭ، އެގައުމަށް ނިސްބަތްވާ ކުޅުންތެރިންތަކެއް ޓީމުގައި ހިމެނޭ ދެގައުމެވެ. އެންމެފަހުން ދެގައުމުން ސާފްގައި ވާދަކުރީ 2018 ވަނަ އަހަރުއެވެ. އެފަހަރު ބަންގްލަދޭޝްއިން އަމިއްލަ ގައުމުގައި ޕާކިސްތާން ކައިރިން 1-0 އިން މޮޅުވި އިރު، މިރޭގެ މެޗަކީ ސާފްގެ ތާރީހުގައިވެސް ވާދަވެރި ކުރިމަތިލުމަކަށް ވާނެއެވެ.
"އަހަންނެއް ހަމްޒާއަކަށް ސަމާލުކަމެއް ނުދެން. އަހަރެންގެ އެކުވެރި ޖަމާލް ބުޔާންއާ ދެކޮޅަށް ކުޅެލަން ވިސްނަން،" އިއްޔެ ޕްރެކްޓިސްއަށްފަހު ނޫސްވެރިންނަށް އީޖާޒް ބުންޏެވެ.
އީޖާޒް އަދި ޖަމާލަކީވެސް ޑެންމާކަށް އުފަން ދެ ކުޅުންތެރިންނެވެ. އެ ދެކުޅުންތެރިން އެކުގައި ހެލާއަޕް އައިކޭއަށް ކުޅެފައިވެއެވެ.
"ބަންގްލަދޭޝް މީހުންނަށް ހަމްޒާއާއި މި ކުޅުންތެރިން މޮޅުކަމަށް ފާހަގަވާނެ. އެކަމަކު އަހަރެމެންގެ އެބަތިބި ވަރަށް މޮޅެތި ކުޅުންތެރިން. އެކަން ވިސްނަން ވާނެ،" ޕާކިސްތާން ކީޕަރު ބަޝުންދަރާ ކިންގްސް އެރީނާގައި ހުރެ ބުންޏެވެ.
މިފަހަރު ގްރޫޕް ސްޓޭޖުގައި ޕާކިސްތާނުން ކުޅުނީ ބައެއް މުހިއްމު ކުޅުންތެރިން ނުލައެވެ. އެއީ އިންޓަނޭޝަނަލް ބްރޭކް ނުފެށޭތީއެވެ. އެހެން ނަމަވެސް ސެމީއަށް ޓީމަށް އިތުރު ފަސް ކުޅުންތެރިޔަކު ގުޅުނު އިރު، އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ކެޕްޓަން އަބްދުﷲ އިގްބާލެވެ. ސްވިޑެންގެ އެންމެފަހުގެ ޗެމްޕިއަން މިޔެލްބީއަށް ކުޅެމުންދާ އިގްބާލްގެ އިތުރުން ޔޫރަޕްގައި ކުޅެމުންދ އީސާ ސުލައިމާން، އަލީ އަކްބަރަ ހާންގެ އިތުރުން އާދިލް ނަބީއާއި އަބްދުލް ސަމަދު އަރުޝަދުވެސް ޕާކިސްތާން ޓީމާ ގުޅިފައިވާ އިރު، އީޖާޒް ބުނީ ފުޓުބޯޅައަކީ ޓީމު ކުޅިވަރެއް ކަމަށެވެ.
ވަކިވަކި ކުޅުންތެރިންނާއެކު ޓީމަށް ހިތްވަރު ލިބުނު ނަމަވެސް، މުޅި ޓީމުން ކުރާ މަސައްކަތަކުން ނޫނީ ސެމީ ފައިނަލެއް ނުނެގޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ފެށިގެން ވީއޭއާރް ބޭނުންކުރަން ނިންމާފައިވާ އިރު، އީޖާޒް ބުނީ އެއީ ހިތްހަމަ ޖެހުމެއް ކަމަށެވެ. ހާއްސަކޮށް ހޯސްޓް ގައުމާ ދެކޮޅަށް ކުޅޭއިރު އެއީ ހިތްހަމަޖެހުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ކުރިން 2018 ގެ ހަނދާން އެބަހުރިތޯ "ވަން ސްޕޯޓްސް"އިން ސުވާލުކުރުމުން އީޖާޒް ބުނީ އެ ބަލީގެ ހަނދާންހުރި ނަމަވެސް މިހާރު އޮތީ މުޅިން ތަފާތު ހާލަތެއް ކަމަށެވެ. ހާއްސަކޮށް ދެޓީމުވެސް އިތުރަށް ވަރުގަދަވުމުން މެޗު އިތުރަށް ފޯރިގަދަވާނެ ކަމަށް އޭނާ ބުންޏެވެ.
ޕާކިސްތާނާއި ބަންގްލަދޭޝް ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 7:30 ގައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް