އާސެނަލްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ރާޔާއަށް ލިބުނު އަނިޔާ ހީކުރިހާ ސީރިއަސް ނޫން ކަމަށް ކްލަބުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ކީޕަރު ރާޔާއަށް އަނިޔާވީ އާސެނަލުން އެންމެފަހުން ނިއުކާސަލްއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގައެވެ. އެމެޗު 2-2 އިން އެއްވަރުވެގެން ނިމިފައިވާ އިރު، 70 ވަނަ މިނެޓުގައި ރާޔާއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ކެޕާ އަރީޒާބަލާގާއެވެ.
މިވަގުތު އާސެނަލުން ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އިރު، ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އެޓީމު އޮތީ ތިންވަނައިގައެވެ. އެއީ ހަތަރު މެޗުން 10 ޕޮއިންޓާއެކުގައެވެ. ޓީމުގެ ފޯމަށް ރާޔާ މުހިއްމު އިރު، ދެން އެންމެ އަވަހަށް އޮތީ ޗެމްޕިއަންސް ލީގު މެޗެކެވެ. އެއީ ޑޯޓްމުންޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗުގައި ރާޔާއަށް ނުކުޅެވުނަސް، ސާޖަރީއަކަށް ދާން ޖެހޭ ވަރަށް އަނިޔާ ސީރިއަސް ނޫން ކަމަށް އާޓެޓާ ބުންޏެވެ.
"ޑޯޓްމުންޑާ ދެކޮޅަށް ރާޔާ ނުކުޅޭނެ. އެހެންވިޔަސް ހީކުރިހާ ސީރިއަސް އެއް ނޫން އަނިޔާއެއް. އަހަރެމެންނަށް ސީދާ އަނިޔާގެ ތަފުސީލު އެނގޭނީ އިތުރު ބައެއް ޓެސްޓްތައްވެސް ހަދައިގެން. އެ އަނިޔާ ލިބުނު ވަގުތު ތަދުވިވަރުން ހީވީ ވަރަށް ބޮޑު އަނިޔާއެއް ލިބުނުހެން. އެކަމަކު ސާޖަރީއަކަށް ދާކަށް ނުޖެހޭ. އެ ހާސްކަމެއް ނެތް،" އާޓެޓާ ބުންޏެވެ.
އާސެނަލުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެ، ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު، ރާޔާއަކީ އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
ކޮމެންޓް