މުހައްމަދު ޝަމްއޫން - ބަންގްލަދޭޝް، ޑާކާ

ބަންގްލަދޭޝްގެ ޑާކާގައި މިއަދު ފެށި ސާފް ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ މެޗުގައި އިންޑިއާއިން ޕާކިސްތާން ބަލިކޮށްފައިވާ އިރު، ދެން އޮތް މެޗުގައި ޕާކިސްތާނަށް ރާއްޖެ ބަލިކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޕާކިސްތާނުގެ ކޯޗު، ނޮލްބާޓޯ ސޮލާނޯ ބުނެފިއެވެ.

ޑާކާ ނޭޝަނަލް ސްޓޭޑިމްގައި ކުޅުނު މެޗުގައި އިންޑިއާއިން ޕާކިސްތާން ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި ދެޓީމަކީވެސް ގްރޫޕް ބީގެ ދެޓީމެވެ. ދެން މި ގްރޫޕުގައި ހިމެނެނީ ރާއްޖެއެވެ. މިދިޔަ ދެ އަހަރުވެސް ޗެމްޕިއަން އިންޑިއާއިން މިއަދު ފުރަތަމަ ހާފުގައި ތިން ގޯލް ޖެހި ނަމަވެސް، ދެވަނަ ހާފުގައި ޕާކިސްތާނުން ވަނީ ދެ ގޯލް ޖަހައިފައެވެ.

ސޮލާނޯ ފާހަގަކުރީ ޓީމަށް ފެށުން ގޯސްވި ކަމަށާއި، މެޗަށް ވަދެވުނުލަތް ލަސްވި ކަމަށެވެ.

"އަހަރެމެންނަށް މިއީ ތަޖުރިބާއެއް ހޯދަން ރަނގަޅު ފުރުސަތެއް. އަހަރެމެންނަށް ފެށުން ގޯސްވީ. އެހިސާބުން އިންޑިއާއިން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިގެން ފުރަތަމަ ގެއްލުނީ. އަހަރެމެންނަށް ފުރަތަމަ ހާފު ގެއްލުނު ނަމަވެސް، ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރެވުނު. އެ ތަފާތުވެސް ކޮންމެވެސް ވަރަކަށް ދެއްކުނު. އަހަރެމެންނަށް މި މެޗަށް ވަދެވުނީ މާ ލަހުން. އެކަމަކުވެސް އެއްވެސް ހާލަތެއްގައި އިންޑިއާގެ ފެންވަރާމެދު ސުވާލު އުފައްދައިގެން ނުވާނެ. އެޓީމަކީ ހަމަ ވަރަށް ވަރުގަދަ ޓީމެއް،" ކުރިން ނިއުކާސަލްއަށްވެސް ކުޅުނު ސޮލާނޯ ބުންޏެވެ.

ސޮލާނޯ ބުނީ މުބާރާތަށް ޓީމު އައިތަނުން އުނދަގޫތަކަކާ ދިމާވި ކަމަށާއި، ޓީމަށް އެކަށީގެންވާ ގޮތެއްގައި މާހައުލަށް ހޭނެން ފުރުސަތެއް ނުލިބޭ ކަމަށެވެ.

"އެންމެ ރަނގަޅަށް މާހައުލަށް ހޭނުމަށް ފުރުސަތެއް ނުލިބުނު. އަހަރެމެންގެ ސޫޓް ކޭސްތައް ގެއްލި، ރަނގަޅު ތަމްރީނުތަކެއްވެސް ކުރަން ފުރުސަތެއް ނުލިބުނު. އެހެން ނަމަވެސް އެއީ އަހަރެމެން ދައްކާނެ އުޒުރެއް ނޫން. ކަންކަން އެންމެ ރަނގަޅަށް ނުދިޔަ ނަމަވެސް އަހަރެމެންނަށް މި މެޗަށް ތައްޔާރުވެވިފައި އޮންނަން ވާނެ ކަމަށް ގަބޫލުކުރަން. އަހަރެމެން ޓީމު ފަރާތުން އިންޑިވިޖުއަލް ގޯސްތަކެއްވެސް ފެނުނު." ސޮލާނޯ ފާހަގަކުރިއެވެ.

ޕާކިސްތާނަށް މިހާރު އޮތް ގޮތުން ރާއްޖެ މެޗުން ނަތީޖާ ނެރެން މަޖުބޫރެވެ. އެމެޗާ ގުޅޭގޮތުން ސޮލާނޯ ބުނީ މިހާރު ރާއްޖެ ކޮންމެވެސް ވަރަކަށް އެނގޭ ކަމަށާއި، އެމެޗަށް އިންތިޒާރުކުރާ ކަމަށެވެ.

"ދެން އޮތް މަގަކީ ރާއްޖެ ބަލިކޮށްގެން ހޯދެން އޮތް މަގެއް. އެ މެޗު ނަގަން އަހަރެމެންނަށް މަޖުބޫރު. އެހެން ނަމަވެސް އެއީ ވަކި އިތުރު ޕްރެޝަރެއް ނޫން. އަހަރެމެން ދެން ފޯކަސް ކުރާނީ އެމެޗަށް. މިހާރު އޮތް ހާލަތުންވެސް. އަހަރެމެން ދެން ބަލާނީ ރާއްޖޭގެ ކުޅުން. ކުރިންވެސް އަހަރެމެން ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖެއާ ކުޅުނިން. އެހެންވީމަ ކޮންމެވެސް ވަރަކަށް އެނގޭ އެޓީމުގެ ސްޓައިލް،" ސޮލާނޯ ބުންޏެވެ.

ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް މުބާރާތުގައި ކުޅޭ މެޗު އޮންނާނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.