ރާއްޖެ މިހާރު މިއޮތް ހިސާބުން ކުރިއެރުމެއް ހޯދެން އޮތީ މި ސަރުކާރުން ފެށި ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްގެން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ދ. ރިނބުދޫގައި އަލަށް ތަރައްގީކުރި ބަނދަރުހިޔާ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސަރުކާރުން ހިންގަމުންދާ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.
އެގޮތުން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއަކީ ދިވެހި ރައްޔިތުންގެ މުސްތަގުބަލު އުޖާލާކުރުމުގެ ބޭނުމުގައި ހިންގާ މަސައްކަތެއް ކަމަށާއި، އެއަށް ތާއީދުކުރައްވަނީ ރައްޔިތުންނަށް ސީދާ މަންފާ ލިބޭނެތީ ކަމަށްވެސް ވިދާޅުވިއެވެ.
ރިނބުދޫގެ ރައްޔިތުންނާ ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވި ގޮތުގައި، އެރަށަކީ ސާފުތާހިރުކަމާއި އެއްބައިވަންތަކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ރަށުގެ ރަށުވަންތަކަން ދެމެހެއްޓުމާއި އިޖުތިމާއީ ގުޅުން ވަރުގަދަކުރުމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވައި، އެ މިސްރާބުގައި ރަށުގެ ކުރިމަގު ބައްޓަންކުރުމަށް ހިތްވަރުދެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ބަނދަރުހިޔާ ފަދަ ތަންތަނުގައި ތިބެ ރައްޔިތުން ދައްކާ ވާހަކައިގެ ސަބަބުން ހިތުގައި ހުންނަ ނުތަނަވަސްކަން ފިލައި، އެކުވެރިކަމާއި އާއިލީ ގުޅުން ބަދަހިވެގެންދާ ކަމަށެވެ. ހިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށް ގަބޫލުކުރެއްވި ނަމަވެސް، އިޖުތިމާއީ ކަންކަމުގައި އިސްނަގާ ކައުންސިލްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ދުނިޔޭގެ މަސްރަހުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބިތުކަމާއެކު ހުންނެވި މަންޒަރު ރައްޔިތުންނަށް ފެންނަ ކަމަށާއި، ރައީސަކީ ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ހިންގަވާ ބޭފުޅެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރިނބުދޫގެ ތަރައްގީއާ ގުޅޭގޮތުން ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު އިމާރާތެއްވެސް އެޅޭނެ ކަމަށެވެ.
ކޮމެންޓް