ސަރުކާރުގެ އަމާޒަކީ ހިދުމަތް ހޯދަން، މާލެ އަންނަން ނުޖެހޭ ފެންވަރަށް އެތަން ތަރައްގީ ކުރުން ކަމަށް، މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު، ރަސްމާލެއިން 4000 އަށް ވުރެ ގޯތި ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އިރު، ރަސްމާލޭން ބައެއް އެހެން ބަޔަކަށް ދޫކޮށްލާތީ، އާއްމުންނަށް ގޯތި ދޫކުރުމަށް ފުރުސަތު އޮންނާނެތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވިޔަފާރި އާއި އާމްދަނީ ހޯދާނެ ގޮތެއް ނެތި ހަމައެކަނި ގޯތި ދިނުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ރަސްމާލެ ރަނގަޅު ފެންވަރަށް ތަރައްގީ ކުރަނީ އެތަނުގައި އާމްދަނީ ހޯދުމުގެ ފުރުސަތާއި އާއްމުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތަކުގެ އިތުރުން، ވަޒީފާތައް ފަހިކުރެވޭނެ ގޮތަކަށް ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ ދިވެހިންނަށް ހައްގުވާ މިންވަރަކީ ހަމައެކަނި ނިދަން އަރާ ތަނެއް ކަމަށް ދެކޭ ދެކުން ބަދަލުކުރަން، އެތަނަކުން ވަޒީފާ ލިބި އާމްދަނީ ލިބޭނެ ގޮތަށް އެތަން ތަރައްގީ ކުރުމަށް އަޅުގަނޑުމެން މިއުޅޭނީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ތަރައްގީކޮށް މީހުން ދިރިއުޅެން ފަށައި، ސިނަމާލެ ބްރިޖް އެޅުމާ ހަމައަށްވެސް އެތަނުގައި އެންމެ އެކަށީގެންވާ ފައިދާ ނުފެންނަ ކަމަށާއި އަދި މިހާރުވެސް ހުޅުމާލޭގެ ރަށްވެހިންގެ ތެރެއިން ގިނަ ބަޔަކު ވަޒީފާ އަދާކުރުމަށް މާލެއަށް ދަތުރުކުރަން ޖެހޭ ކަމަށެވެ.
"ހުޅުމާލެ ހިއްކާ ބްރިޖް އެޅުމާ ހަމައަށް އެތަން އޮތީ ނިދަން އަރާ ހާއްޔެއްގެ ގޮތުގައި، މިއަދުވެސް 60000 މީހުން އެބަ އާދޭ ބްރިޖް ހުރަސްކޮށް މާލެއަށް ވަޒީފާއަށް. ހުޅުމާލޭގައި އަދިވެސް ވަޒީފާ އާއި އާމްދަނީ ހޯދޭނެ ގޮތެއް ނެތް." މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް