އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން ކުޅުނު މެޗުން ބަލިވެފައިވާ އިރު، ދެވަނައިގައި އޮތް އެންމެފަހުގެ ޗެމްޕިއަން އާސެނަލުން ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސިޓީން ރަށުން ބޭރުގައި އެސްޓަން ވިލާ ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި އާސެނަލުން 2-0 އިން އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށްފައިވާ އިރު، ޓޮޓެންހަމްއިން ވަނީ ޗެލްސީ ދަނޑުގައި ތާރީހީ މޮޅެއް ހޯދައިފައެވެ. އެއީ 2-0 ގެ ނަތީޖާއަކުންނެވެ. އެއީ މިދިޔަ 39 އަހަރު ތެރޭގައި ޓޮޓެންހަމްއިން ޗެލްސީ ދަނޑުގައި ހޯދުނު ދެވަނަ މޮޅެވެ.
ސިޓީން މި ސީޒަނުގައި މުޅިން އަލަށް ބަލިވެފައިވާ އިރު، އެޓީމު މިވަގުތު އެއްވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާއެކުގައެވެ. އާސެނަލުން މިރޭ ހޯދި މޮޅާއެކު އަށް މެޗުން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދާފައިވާ އިރު، ދެ ޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ. ޗެލްސީން މިރޭ މެޗުން ބަލިވި ނަމަވެސް، އެޓީމު އަދި އޮތީ ހަތަރު ވަނައިގައެވެ. އެއީ އަށް މެޗުން 13 ޕޮއިންޓާއެކުގައެވެ. އެހެންނަމަވެސް ލިވަޕޫލުން މިހަފުތާ ކުޅޭ މެޗުން މޮޅުވެ، އެ މަގާމަށް ޖެހިލަން ފުރުސަތު އެބައޮތެވެ.
ޓޮޓެންހަމްއިން 12 ވަނައިގައި އޮތީ އަށް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.
ސިޓީ މެޗުގައި އެސްޓަން ވިލާގެ ދެ ގޯލްވެސް ޖެހީ ކުރިން ޗެލްސީއަށް ކުޅުނު ނިކޮލަސް ޖެކްސަންއެވެ. ފުރަތަމަ ހާފުގެ އިތުރުން ދެވަނަ ހާފުގައިވެސް އޭނާގެ ގޯލުތައް ފެނިގެން ގޮސްފައިވާ އިރު، ހަވަނަ މިނެޓުގައި ވިލާއިން ލީޑު ނެގީ މާކް ގޭއީގެ ގޯހަކުންނެވެ. އޭނާ ގޯސްކޮށް ޖައްސާލި ބޯޅައިގެ ފައިދާ ނެގީ ޖެކްސަންއެވެ.
ދެވަނަ ހާފުގައި އާލިން ހާލަންޑްގެ ގޯލުން ސިޓީ އެއްވަރު ކުރި ނަމަވެސް، އަނެއްކާވެސް ޖެކްސަން ގޯލް ޖަހައި ވިލާއަށް މެޗު ޔަގީން ކޮށްދިނެވެ.
އާސެނަލުން ކުޅުނު މެޗުގައި ދެ ގޯލްވެސް ޖެހީ ޑިފެންޑަރުންނެވެ. ފުރަތަމަ ކޮޅުގައި އެޒްރީ ކޮންސާ ޖެހި ގޯލުން އާސެނަލް ލީޑު ނެގި އިރު، ދެވަނަ ހާފުގައި އަނެއް ގޯލް ޖަހައިދިނީ ގެބްރިއަލްއެވެ. މެޗަށް އާސެނަލުން ނުކުތީ އަނިޔާގައި ހުރި ބުކަޔޯ ސަކާ ނުލައެވެ.
ޗެލްސީން ކުޅުނު މެޗުގައި އުމުރުން 21 އަހަރުގެ ގޯލްކީޕަރު މައިކް ޕެންޑާސް ފުރަތަމަ 11 އަށް ނެރެފައިވާ އިރު، އެމިލިއާނޯ މާޓިނޭޒް ހުރީ އަނިޔާގައެވެ. އޭގެ އިތުރުން ޖޮއާއޯ ޕެޑްރޯވެސް އަނިޔާގެ ސަބަބުން މެޗުގައި ފެނިގެން ގޮސްފައި ނުވާ އިރު، ފުރަތަމަ ހާފުގައިވެސް ޑޮމިނޭޓް ކުރީ ޓޮޓެންހަމްއިންނެވެ. ކޯލް ޕާމާގެ ނުރައްކަލެއް ޗެލްސީ ފަރާތުން ފެނުނު ނަމަވެސް، އަނެއްކޮޅުން މަތެއަސް ޓެލްގެ ދެ ހަމަލާއެއް ފެނުނެވެ.
ކޯނަރެއްގައި ޓޮޓެންހަމް ފުރަތަމަ ގޯލް ޖެހި އިރު، އެއީ ކޯނަރު ޕެންޑާސް އަތުގައި ޖެހިފައިވާ ބައިކޮޅަށް ވަން ގޯލެކެވެ. ޗެލްސީން އެއްވަރުކުރަން ކުރި މަސައްކަތަށް އިތުރަށް އުނދަގޫވީ ޕާމާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ދެއްކި ރަތް ކާޑުންނެވެ. އަދި މެޗު ނިމެން ދަނިކޮށް ޓޮޓެންހަމްގެ ދެވަނަ ގޯލް ޖަހައިދިނީ ޓެލްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް