ޑޮލަރު މާރުކޮށްދޭނެކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ ހޯދައި ހިޔާނަތްވި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރާޝީދު (39 އ) އެވެ. ފުލުހުން އޭނާއަށް ކުރަނީ ހިޔާނާތުގެ ކުށެވެ.
ފުލުހުން މިއަދުވަނީ ރާޝިދުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުގައި ފުލުހުން ބުނީ ރާޝީދުވަނީ ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ ހޯދައިފައި ކަމަށެވެ. ޑޮލަރު ގަންނަން ބޭނުންވި ފަރާތަށް ރާޝިދު ޑޮލަރު ނުދިނުމުގެ ސަބަބުން އެ ފަރާތުން ވަނީ ރާޝީދުއަށް އަނިޔާވެސް ކޮށްފައިކަމަށް ފުލުހުން ބުންޏެވެ. އަދި ރާޝިދުގެ ފުރާނައަށްވެސް ނުރައްކާކޮށްފައިވާކަަމަށް ފުލުހުން ބުންޏެވެ.
ރާޝީދުއާ ދެކޮޅަށް ފުލުހުން ވަނީ ހެކީގެ ގޮތުގައި ބަޔާންތަކާއި، ސީންގައި ހަރަކާތްތެރިވި ފުލުހުންގެ ހާދިސާ ރިޕޯޓު، ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ހާދިސާ ރިޕޯޓު އަދި އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅައިފައެވެ.
ކޯޓުގައި ރާޝިދުވަނީ ވަކީލެެއްގެ އެހީތެރިކަމަށް އެދިފައެވެ. ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަންކުރަން ގިނަ ދުވަސް ނަގާނެތީ ކޯޓުންވަނީ ވަކީލަކު އައްޔަން ކުރުމަށް ރާޝިދުއަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ވަކީލަކު އައްޔަންވުމުން ބަންދު މުރާޖާއާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ރާޝިދަށް އޮންނާނެކަމަށް ކޯޓުން އެންގިއެވެ.
މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން ފުލުހުން ރާޝީދުއަށް ތުހުމަތުކުރާ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރަކަށް ތުހުމަތުވާކަމަށް ކޯޓުން ކަނޑައެޅިއެވެ. އެހެންވެ، ރާޝިދު ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ކަނޑައަޅައި އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް