ތޫނު ހަތިޔާރު ބޭނުންކޮށްގެން ހުޅުމާލޭގައި މާރާމާރީއެއް ހިންގަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި މީހުން 10 ދުވަހަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގަން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 22:50 ހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އެ ސަރަހައްދުން ފެނުނު މީހަކު ހުއްޓުވައި ފާސްކުރިއިރު، އޭނާ ހުރި ދިމާލުން ބަޔޮނެޓަކާއި ކަޓަރެއް ވަނީ ފެނިފައެވެ. އަދި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބު ބަލައިފާސްކުރިއިރު އޭގެ ތެރެއިން ހުޑް މާސްކެއް ފެނިފައިވެއެވެ.
މީގެ އިތުރުން، އެ ސަރަހައްދު ފުލުހުން އިތުރަށް ބަލައި ޗެކްކުރިއިރު ވެއްޓިފައި އޮތް އިތުރު ދެ ބަޔޮނެޓް ވެސް ވަނީ ހޯދައިފައެވެ.
މި އޮޕަރޭޝަނުގައި ތޫނު ހަތިޔާރާއެކު ފެނުނު މީހާ ހައްޔަރުކުރުމުގެ އިތުރުން، މި މައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ހުޅުމާލޭގެ އެހެން ސަރަހައްދަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ފުލުހުން މިރޭ ބުނީ، ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ އެންމެންގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް