ތ. ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ އައިއެސް ޖަމާއަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވިކަމަށް ބުނެ އުފުލި ދައުވާތަކުގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ޖުމްލަ ހަތް ދައުވާއެއް އުފުލިއިރު، ކުށް ސާބިތުވެފައިވަނީ އަބްދުﷲ އިމާދާއި، އަލީ މުނީޒުގެ އިތުރުން އަލީ އަރުހަމް މުހައްމަދާއި އިބްރާހީމް ލޫތުގެ މައްޗަށެވެ. މީގެ ތެރެއިން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށް ސާބިތުވެ، އިމާދާއި އަރުހަމް ތިން އަހަރަށް އަދި މުނީޒު އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހަށް ޖަލަށްލުމަށްވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން، ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވެ އަރުހަމް ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އިރު، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އިމާދާއި ލޫތު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށްވަނީ ހުކުމްކޮށްފައެވެ. ނަމަވެސް، އަރުހަމް ފިޔަވައި ދެން ތިބި މީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރާނެ އިތުރު އަދަބެއް ނެތުމާއެކު، އެ މީހުންވަނީ ބަންދުން މިނިވަންވެފައެވެ.
ކޯޓުން ސާބިތުނުވާކަމަށް ނިންމާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި، ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށްވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުނުވި މައިގަނޑު ސަބަބެއްގެ ގޮތުގައި ކޯޓުން ފާހަގަކޮށްފައިވަނީ، މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މޮބައިލް ފޯނަކުން ނަގާފައިވާ ޑާޓާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިފައިވުމެވެ.
މި މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 8 ފެބްރުވަރީ 2021 ގައެވެ. މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އޭޕްރީލް މަހު ހުލާސާ ބަޔާން ހުށަހަޅައި ނިންމުމަށްފަހު، ހުކުމްކުރުމުގެ މަޖިލިސް ބާއްވާފައިވަނީ މިއަދު ހެނދުނު 8:15 ގައެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައި ހިމެނެނީ އަލީ މުނީޒު، މުހައްމަދު އާސިރު، އަބްދުﷲ އިމާދު، އިބްރާހީމް ލޫތު، އަބްދުﷲ ޝަރީފް، ޝަމާހު ޝަރީފް، އަލީ އަރުހަމް މުހައްމަދު އަދި އަހުސަން މުހައްމަދެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، ސާބިތުނުވި ދައުވާތައް އިސްތިއުނާފުކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލައިގެ ރިޕޯޓު ލިބުމުންނެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް