ޔޫއެފާ ނޭޝަންސް ލީގުގެ ލީގު އޭގައި ސްޕެއިނުން ރޭ ކުޅުނު މެޗުގައި އިންގްލެންޑް ބަލިކޮށްފިއެވެ.

އިންގްލެންޑްގެ ވެމްބްލީގައި ކުޅުނު މެޗުގައި 3-2 އިން ސްޕެއިން މޮޅުވި އިރު، އެމެޗުގައި އިންގްލެންޑުން ވަނީ ފަހަތުން އަރައި ލީޑުވެސް ނަގައިފައެވެ. އެހެން ނަމަވެސް ޗެމްޕިއަން ސްޕެއިނުން ވަނީ ފެންވަރު ދައްކާލައި ނަތީޖާ އަނބުރާލައިފައެވެ.

ސްޕެއިނުން މެޗު ފެށީ ފުރިހަމަ ފެށުމަކުންނެވެ. އިންގްލެންޑްގެ ފަހަތުން މާކް ގޭހީ ހެދި ގޯހެއްގެ ފައިދާ ނަގައި، ސްޕެއިނަށް ލީޑު ނަގައިދިނީ ލަމީން ޔަމާލެވެ. ޔަމާލް އެ ގޯލް ޖަހައިދިނީ ދެވަނަ މިނެޓުގައެވެ.

އޭގެ ފަހުންވެސް ސްޕެއިނަށް ރަނގަޅު ތިން ފުރުސަތެއް ލިބުނެވެ. ފެރާން ޓޮރޭސްއަށް ލިބުނު އެ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފޭ ގޮތެއް ނުވިއެވެ. ފަބިއަން ރުއިޒްގެ ހުރަހަކުން ފެރާން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް އޭނާ އޮތީ އޮފްސައިޑް މަގާމެއްގައެވެ. އަދި އޭގެފަހުން ފެރާންއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ފެރާންއަށް އިތުރު ހުސް ފުރުސަތެއް ލިބިވެސް ބޭކާރުވިއެވެ. އޭނާއަށް ތިންވަނަ ފުރުސަތުގައި ފޮނުވާލި ބޯޅަ މަތަކުރީ އިންގްލެންޑްގެ ކީޕަރު ޖޭމްސް ޓްރެފޯޑެވެ.

ހާފު ނިމެން ދަނިކޮށް ހަތަރު މިނެޓް ތެރޭގައި ދެ ގޯލް ޖަހައިދިން އިންގްލެންޑުން ވަނީ މެޗު އަނބުރާލައިފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމްއާއި އެންތަނީ ގޯޑަންގެ ރަނގަޅު ކޮމްބިނޭޝަނަކާއެކު ތަނަވަސްކުރި ކައުންޓާ އެޓޭކް ފުރުސަތުގައި އިންގްލެންޑުން ގޯލް ހުޅުވާލި އިރު، އޭގެ ތިން މިނެޓް ފަހުން ހެރީ ކޭން އިންގްލެންޑަށް ލީޑު ނަގައިދިނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ފުޅާކުރަން ޕެނަލްޓީއެއް ލިބުނު ނަމަވެސް ކޭން އަތުންވީ ނާކާމިޔާބެވެ.

ނަތީޖާއެއްގެ ގޮތުން ބަދަލަތަކުގައި މެޗަށް ނުކުތް ދެ ކުުޅުންތެރިން ކަމަށްވާ އެލެކްސް ބައޭނާއާއި މިކޭލް އޮޔާޒަބާލްގެ ގޯލްތަކުން ސްޕެއިނުން މެޗު އަނބުރާލިއެވެ.

ބައޭނާ ގޯލް ޖެހީ ނިކޯ އޮ ރެއިލީ އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައިގެންނެވެ. އަދި އޮޔާޒަބާލް ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް ބައޭނާއެވެ.

ރޭ ނޭޝަންސް ލީގު އޭގައި ކްރޮއޭޝިއާއިން 2-1 ޗެކް ރިޕަބްލިކް ބަލިކުރި އިރު. ނޭޝަންސް ލީގު ބީގައި ސްވިޒަލޭންޑުން ވަނީ 3-0 އިން ނޯތު މެސަޑޯނިއޯ ބަލިކޮށްފައެވެ.