ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޑްރިޑް ޑާބީގައި އެތުލެޓިކޯ މެޑްރިޑުން ރެއާލް މެޑްރިޑް ބަލިކުރި އިރު، އެމެޗު ވެގެން ގޮސްފައި ވަނީ ފޯރިގަދަ މެޗަކަށެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފޯރިގަދަ ޑާބީ މެޗުގައި ރެއާލް ބަލިވީ 2-1 އިންނެވެ.
ޖޯސޭ މޮރީނިއޯގެ ރެއާލަށް ރޭގެ މެޗުގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ ދެވަނަ ހާފުގެ ކުރީކޮޅުގައި ޑީން ހައުސަންއަށް ދެއްކި ރަތް ކާޑެވެ. އެ ރަތް ކާޑާއެކު މެޗުގެ އޮއިވަރު ބަދަލުވެގެން ގޮސްފައިވާ އިރު، މެޗަށްފަހު ރެއާލުން ކުރި ޕޯސްޓްގައިވެސް ބުނެފައި ވަނީ މެޗުން ބަލިވީ ރެފްރީގެ ގޯހުން ކަމަށެވެ. އަދި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ މެޗުގެ ރެފްރީ އޯޓިޒް އަރިއާސް އެތައް ގޯހެއް ހެދި ކަމަށެވެ.
އެގޮތުން ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ޑިފެންޑަރު ކުޓީ ރޮމޭރޯއަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށާއި، ޖޫޑް ބެލިންހަމްއަށް ކުރި އެފައުލް ވީއޭއާރް އެހީގައި ބަލާފައިވެސް ރަތެއް ނުދެއްކި ކަމަށް ޕެރޭޒް ފާހަގަކުރެއްވިއެވެ. އަދި ފެޑެރީކޯ ވަލްވާޑޭގެ ކުޑަހުޅަށް ދަށް ފައިން އެރުމުން ކޭންގް އިން ލީއަށް ރަތެއް ދައްކަންވެސް ރެފްރީއަށް ނުކުރެނު ކަމަށް ޕެރޭޒް ވިދާޅުވިއެވެ.
އެކަމުގެ މާޔޫސްކަމުގައި ހުރެ މޮރީނިއޯ ޕޯސްޓް މެޗު ޕްރެސްއަށް ދިޔައީ އޭ4 ސައިޒް ގަނޑަކަށް އެ ދެފައުލްގެ މަންޒަރު ދައްކުވައިދޭ ފޮޓޯ ޕްރިންޓް ކޮށްގެންނެވެ.
"އަހަރެމެންނަށް ރަސްމީކޮށް ބާއްވާ ޕްރެސް ކޮންފަރެންސް ދޫކޮށްލެވިދާނެ. އެއީ މެޗުގައި ދައްކަން ޖެހޭ ވާހަކަ މިއޮތީ ފެންނަން،" މޮރީނިއޯ ނޫސްވެރިންނަށް އެ ގަނޑު ދައްކާލަމުން ބުންޏެވެ.
"އެއީ ސީދާ ދެ ރަތް ކާޑު. އަހަރެމެންނަށް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނީމަ އެ ކުރިމަތިވި އުނދަގުލާއެކު އަހަރެން ހިތަށް އަރަނީ 50 ވަނަ މިނެޓުން ފެށިގެން އެމީހުންގެ ދެ ކުޅުންތެރިން މަދުނަމަ ކިހާ ފަސޭހަވީސްހޭ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ އެއީ ރެފްރީ އަތުން ހެދުނު ގޯސްކަމަށް ގަބޫލުކުރަން ބޭނުންވާ ކަމަށާއި، އެކަން އެގޮތަށް ގަބޫލުކުރާނެ ކަމަށެވެ.
މޮރީނިއޯގެ ނުރުހުމާއެކު ރޭގެ މެޗަށްފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ކޮންމެ ކޯޗެއް ނަމަވެސް ދައްކަން ޖެހޭ ވާހަކަ ވިސްނައިގެން ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ފުރިހަމައަށް އިހުތިރާމާއެކު އަބަދުވެސް ވާހަކަ ދެއްކުން މުހިއްމު ކަމަށްވެސް އޭނާ ބުންޏެވެ.
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ކޮމެންޓް