ތިން ހަފުތާގެ އިންޓަނޭޝަނަލް ބްރޭކަކަށް ކްލަބު ފުޓުބޯޅަ ހުއްޓުމަކީ ކަންބޮޑުވުމެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު، ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

މި ސީޒަނުގެ ފުރަތަމަ އިންޓަނޭޝަނަލް ބްރޭކަކީ 21 ސެޕްޓެމްބަރުން އޮކްޓޯބަރު ހަވަނަ ދުވަހަށް އަންނަ އިންޓަނޭޝަލް ބްރޭކެކެވެ. ކޮންމެ ގައުމަކަށްވެސް ހަތަރު މެޗު ކުޅުމަށް ފީފާއިން ފުރުސަތު ދީފައި ވަނީ އާންމުކޮށް އޮކްޓޯބަރު މަހު އަންނަ އިންޓަނޭޝަނަލް ބްރޭކާއި ސެޕްޓެމްބަރު ބްރޭކް އެއްކޮށްލާފައި އޮތުމުންނެވެ.

މީގެ ކުރިން އާންމުކޮށް ފީފާ އިންޓަނޭޝަނަލް ބްރޭކްތައް ތާވަލުކޮށްފައި ވަނީ މާޗު، ޖޫން، ސެޕްޓެމްބަރުގެ އިތުރުން އޮކްޓޯބަރާއި ނޮވެމްބަރަށެވެ. އޭރު ފަސް ބްރޭކް ދިން ނަމަވެސް މިފަހަރު އޮކްޓޯބަރު މަހު ބްރޭކާއެކު ސެޕްޓެމްބަރު މަހު ބްރޭކަށް ފީފާއިން ވަނި 16 ދުވަސް ހަމަޖައްސައިފައެވެ.

އެގޮތަށް ހަމަޖައްސަން ފީފާއިން ނިންމާފައި ވަނީ މިފަހަރުގެ ވޯލްޑް ކަޕް ދިގުލައިގެން ގޮސް، ޖުލައި 19 ވަނަ ދުވަހު ފައިނަލް ކުޅެން ޖެހުމާއެކު، އެކަމުގެ ސަބަބުން ގައިމީ ޓީމުތަކާއި ކުޅުންތެރިންނަށް ދިމާވެދާނެ އުނދަގޫތަކަށް ވިސްނާފައެވެ. މިއީ 1966 ވަނަ އަހަރަށްފަހު ސީޒަނާ އެންމެ ކައިރިން ނިމުނު ވޯލްޑް ކަޕެވެ.

"އެހާ ދިގު މުއްދަތަކަށް ކުޅުންތެރިން ކްލަބާ ދުރަށް ދާން ޖެހުން އެއީ ކަންބޮޑުވުމެއް. އެއީ ވަރަށް ވަގުތު. އަހަރެން ކަންބޮޑުވަނީ ގައުމީ ޓީމުތަކަށް ކުޅެންދާ ކުޅުންތެރިންނާ ދޭތެރެއަކު ނޫން. ކަންބޮޑުވަނީ ގައުމީ ޓީމުތަކަށް ނުގޮސް ތިބޭ ކުޅުންތެރިންނާ ދޭތެރޭ. އަހަރެމެން އަތުގައި ގިނަ ކުޅުންތެރިން ނެތި އެކުޅުންތެރިންނާއެކު މަސައްކަތް ކުރުން އެއީ ޗެލެންޖަކަށްވާނެ،" ތަޖުރިބާކާރު ކޯޗު މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އިތުރަށް ބުނީ ކުޅުންތެރިން ގައުމީ ޓީމުތަކަށް ދާ ދިޔުމަށް އިހުތިރާމުކުރާ ކަމަށާއި، އެ ބްރޭކްގައި އަނިޔާވެގެން ކުރިމަތިވާ ކަންކަމާ ޝަކުވާކޮށް، ޑްރާމާ ބޮޑުކުރަން ބޭނުން ނުވާ ކަމަށެވެ. އަދި މޮރީނިއޯ ބުނީ ވޯލްޑް ކަޕްގައި މުހިއްމު ރޯލުތައް އަދާކުރި ކުޅުންތެރިންނަށް އަދިވެސް އެކަށީގެންވާ ރެސްޓެއް ނުލިބޭ ކަމަށާއި، ހޫނު މޫސުން ވެގެން ދިޔައީ އެ ކުޅުންތެރިންނަށް އިތުރަށް ބުރަ ދުވަސްތަކަކަށް ކަމަށެވެ.