ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ހޯދުމަށް ވަކި އިތުރު ޕްރެޝަރެއް ނެތް ކަމަށް ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ ދެވަނަ ފަހަރަށް ރެއާލަށް ކޯޗުކަން ކޮށްދެމުންދާ އިރު، ކުރިން އޭނާ އެ ކްލަބާ ހަވާލުވެ ހުރިއިރު ނުހޯދި އޮތް ހަމައެކަނި ތަށްޓަކީ ޗެމްޕިއަންސް ލީގެވެ. 2010 އިން 2013 ވަނަ އަހަރާ ހަމައަށް މޮރީނިއޯ ރެއާލަށް ކޯޗުކަން ކޮށްދިން އިރު އޭނާ ވަނީ އެ ކްލަބާއެކު ލީގު ތަށްޓާއި ކޮޕާ ޑެލް ރޭ އަދި ސުޕަ ކަޕް ހޯދައިފައެވެ. އޭރު ބާސެލޯނާއަކީ އާދަޔާހިލާފު ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް އިރު، މޮރީނިއޯ ވަނީ ބާސާގެ އެ ފޯމު މަޑުޖައްސާލައިފައެވެ.
މޮރީނިއޯއަށްފަހު މިދިޔަ 13 އަހަރުގައި ރެއާލުން ހަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދި އިރު، އެޓީމަކީ ޔޫރަޕް ފުޓުބޯޅައިގައި އެންމެ ކާމިޔާބު ޓީމެވެ. 2014، 2016، 2017ގެ އިތުރުން 2018އާއި 2022 އަދި 2024 ގައިވެސް ރެއާލުން ޗެމްޕިއަންސް ލީގު ހޯދި އިރު، މިއީ މޮރީނިއޯއަށް އަލުން އެ ކްލަބާއެކު ޗެމްޕިއަންސް ލީގަކަށް މަސައްކަތް ކުރަން ލިބިފައިވާ ފުރުސަތެކެވެ.
"ނޫން، ކުރިން އެ ކާމިޔާބީ ނުހޯދި އޮތުމުން އިތުރު ޕްރެޝަރެއް ނެތް. 2013 ވަނަ އަހަރު އަހަރެން މި ކްލަބު ދޫކޮށްލިއިރު، ހޯދުނު ކާމިޔާބީއެއް ހޯދުނު، އަދި ނުހޯދި އޮތް ކާމިޔާބީއެއް އޮތަސް، އެއީ އެކަމާ މިފަހަރަށް އަސަރުކުރާނެ ކަމެއް ނޫން. އަހަރެން އައީ އެކަންކަމަށް ވިސްނައިގެން، ގެއްލުނު ތަށި ހޯދާކަށް ނޫން،" މޮރީނިއޯ ބުންޏެވެ.
ރެއާލުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ އިންޓަ މިލާނާ ދެކޮޅަށް ނުކުންނަ އިރު، މޮރީނިއޯ އިތުރަށް ބުނީ 2010 ވަނަ އަހަރު ރެއާލާ ހަވާލުވިއިރު އޮތީ މުޅިން ތަފާތު ހާލަތެއްގައި ކަމަށެވެ. އޭނާ ބުނީ އޭރު ރެއާލުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައަށް ނުގޮސް އެތައް ދުވަހެއް ވެފައި އޮތް ކަމަށާއި، މިދިޔަ 10 ވަރަކަށް އަހަރުން ހަ ޗެމްޕިއަންސް ލީގު ހޯދިފައި އޮތީ އެ ހާލަތު ބަދަލުކުރެވުމުން ކަމަށެވެ.
މޮރީނިއޯއާއެކު އެންމެފަހުން ރެއާލުން ލީގުގައި ކުޅުނު މެޗުގައި ރެއާލް ބެޓިސް ކައިރިން ބަލިވެފައި އޮތް އިރު، މިރޭގެ މެޗަކީ އެ ފޯމު ރަނގަޅު ކޮށްލަން ލިބޭނެ ފުރުސަތެކެވެ.
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ކޮމެންޓް