ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ރާއްޖޭގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރި އިރު، އެމެޗުގެ ތެރެއިން ހިނގާދިޔަ ކަންތައްތަކުގައި މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު، ނިއު ރޭޑިއަންޓް އެސިސްޓަންޓް ކޯޗު ސްޕެއިނުގެ ލޫޝިއާނޯ ސިގޭރާ ބާބޯސާއަށް ހަމަލާދީފައިވާތީ އެ މައްސަލަ ބަލައިދޭން އެދިއްޖެއެވެ.
ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުން 3-2 އިން މާޒިޔާ ބަލިކުރި އިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ގޯލް ޖެހީ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ)އެވެ. މާޒިޔާއަކީ މިދިޔަ ފަސް އަހަރުވެސް ރާއްޖޭގެ ލީގު ޗެމްޕިއަނެވެ. އެއީ 2022 ވަނަ އަހަރު އޭޕްރީލް މަހަށްފަހު މާޒިޔާއިން ލީގު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.
އެމެޗުގެ ދެވަނަ ހާފުގައި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. އެއީ ރެފްރީ ފައުލަކަށް ކަށިގަނޑު ފުމުނު ފަހުން، ނިއު ރޭޑިއަންޓްގެ ބިލީޓީ ޖެހި ބޯޅައެއް މާޒިޔާގެ ލޫތު ގައިގައި ޖެހުމުން ހިނގާ ދިޔަ ހަމަނުޖެހުމެކެވެ. އެކަމުގައި ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް އަރާފައިވާ އިރު، ކޮންމެވެސް ވަރަކަށް ހަމަނުޖެހުންވެސް ހިނގާފައިވެއެވެ. އެ ވަގުތު ހިނގި ކަންކަމަށް ރެފްރީ ވަނީ އަދަބު ދީފައެވެ. އެގޮތުން ނިއު ރޭޑިއަންޓްގެ ބިލިޓީއާއި އީތަންއަށް ރީނދޫ ކާޑެއް ދެއްކި އިރު، މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އާއި ނިއުގެ އަބްދުﷲ މައިސާން (މައި) އަށް ރަތް ކާޑެއް ދެއްކިއެވެ. އަދި، މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރަށްވެސް ރަތް ކާޑެއް ދެއްކިއެވެ.
ނިއު ރޭޑިއަންޓުން ނެރުނު ބަޔާނުގައި ބުނީ ސުޒައިރު އެޓީމުގެ ކޯޗު ބާބޯސާއަށް ހަމަލާ ދިން ކަމަށެވެ. އަދި ކޯޗު ޒަހަމްވި ކަމަށް ނިއު ރޭޑިއަންޓުން ބުނެފައިވެއެވެ.
ނިއު ރޭޑިއަންޓުން ބުނީ ޖިސްމާނީ އަނިޔާ ދިނުމަކީ ފުޓުބޯޅައިގައި އެއްވެސް ވަރަކަށް ހިނގައިގެންވާނެ ކަމެއް ނޫން ކަމަށާއި، ކަމާބެހޭ އިދާރާތަކަށް ހެއްކާއެކު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ނިއު ރޭޑިއަންޓުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކްލަބުން ބުނެފައިވާ އިރު، އެ ކްލަބުން ބުނީ އެކަމުގައި އެކަށީގެންވާ ފިޔަވަޅު އަޅައިދޭން އެދޭ ކަމަށެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
ކޮމެންޓް