އެފްއޭއެމް ވިމެންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 5-0 އިން މޮޅުވެއްޖެއެވެ.
މާޒިޔާ އިން މިދިޔަ އަހަރުގެ ވިމެންސް ލީގު ކާމިޔާބުުކުރީ މެޗަކުން ބަލިނުވެއެވެ. އެކަމަކު، މި ފަހަރުގެ މުބާރާތުގައި ރޭ ނިއު ރޭޑިއަންޓް ކައިރިން ބަލިވެފައިވާ އިރު، ނިއު އިން ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ.
މާޒިޔާއާއި ނިއުއިން ވާދަކުރި މެޗުގެ ފުރަތަމަ ހާފުގައި ނިއުއިން ލީޑު ނެގީ ބަންގްލަދޭޝްގެ ސަބީނާ ހާތޫން ޖަހައިދިން ގޯލުންނެވެ. އެއީ ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.
ނިއުއިން މެޗުގައި ޖެހި އަނެއް ހަތަރު ގޯލްވެސް ފެނުނީ ދެވަނަ ހާފުގައެވެ. ސަބީނާގެ އިތުރު ގޯލެއް ފެނުނު އިރު، ދެން ގޯލްތައް ޖެހީ ސުމައްޔާ މަޓްސުޝީމާއާއި މަރިޔަމް ނޫރާއެވެ. ނޫރާ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
މުބާރާތުގައި ރޭ ކުޅުނީ ފުރަތަމަ ދެމެޗުންވެސް ބަލިވެފައިވާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އެވެ.
ރޭ ކުޅުނު އެމެޗުން އެމްއެސް މޭޓްސް މޮޅުވީ 9-0 ގެ ނަތީޖާއަކުންނެވެ. އެމްއެސް މޭޓްސްގެ ޔަމާ ސެސީލިއާ މެޗުގައި ހެޓްރިކް ހެދި އިރު، ރާނިއާ އިބްރާހީމްވެސް ހެޓްރިކް ހެދިއެވެ. އޭގެ އިތުރުން ދެ ގޯލްތައް ޖަހައިދިނީ އައިޝަތު ޝަހާ ޝަރީފާއި އަކޮން އެރިކާއެވެ. އޭގެ އިތުރުން ދަ ގްރާންޑޭޣެ ފާތިމަތު ނަހްމާ އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
މުބާރާތުގެ ފޯމެޓް އޮތްގޮތުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ ފަހަރު ކުޅޭނެއެވެ. ނިއު އެއް ވަަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް މާޒިޔާއަށް ހަ ޕޮއިންޓް ލިބުނު އިރު، ތިންވަނައިގައި އޮތީ އެމްއެސް މޭޓްސްއެވެ. ފުލުގައި އޮތީ ދަ ގްރާންޑޭއެވެ.
ކޮމެންޓް