ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ގެއްލުމަށްފަހު އަލުން ސްކޮޑަށް ނެގި ޗެލްސީގެ ފޯވަޑް ޖޮއާއޯ ޕެޑްރޯ، އަނިޔާގެ ސަބަބުން މިފަހަރުވެސް ގައުމީ ޓީމުން ނުފެންނާނެ ކަމަށް ގައުމީ ޓީމުން ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ޖޮއާއޯ ޕެޑްރޯ، ވޯލްޑް ކަޕް ސްކޮޑަށް ނުނެގުމުން އެކަމާވެސް ކޯޗު ކާލޯ އެންޗެލޮޓީއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. މިދިޔަ ސީޒަނަށްވުރެވެސް ރަނގަޅަށް ޖޮއާއޯ ޕެޑްރޯ މި ސީޒަން ފަށާފައިވާ އިރު، ޗެލްސީން އެންމެފަހުން ލީގުގައި ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ޖޮއާއޯ ޕެޑްރޯ ފުލްކޮށް ކުޅުނެވެ.

އެމެޗުގައި ޗެލްސީން 2-2 އިން އެއްވަރުވި އިރު، ޖޮއާއޯ ޕެޑްރޯ ވަނީ ގޯލެއް ޖަހައި އެސިސްޓެއްވެސް ހަދައިދީފައެވެ.

ބްރެޒިލް ޓީމުން ބުނެފައި ވަނީ ޖޮއާއޯ ޕެޑްރޯއަށް އަނިޔާވެ، ސްކޮޑުން ބާކީކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނީ ކޮން އަނިޔާއެއްކަން ސާފުކޮށް ބުނެފައެއް ނުވެއެވެ.

ބްރެޒިލުން މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ދަތުރުކުރަން ނިންމާފައި ވަނީ އޭޝިއާއަށެވެ. އެގޮތުން އެކުވެރިކަމުގެ ދެމެޗެއް އޮސްޓްރޭލިއާ ދެކޮޅަށް، އެގައުމުގައި ކުޅޭނެއެވެ. އެއީ ސެޕްޓެމްބަރު 25 އަދި 29 ގައެވެ.

އެއަށްފަހު ދެން ބްރެޒިލުން ކުޅޭނީ އިންޑިއާއާ ދެކޮޅަށެވެ. އެއީ އޮކްޓޯބަރު ތިންވަނަ ދުވަހުއެވެ. އެ މެޗު އޮންނާނީ ކަލްކަތާގައެވެ.