ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ބްރެޒިލަށް ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން ބާސެލޯނާގެ ރަފީނިއާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
އުމުރުން 29 އަހަރުގެ ރަފީނިއާއަކީ އިންޓަނޭޝަނަލް ބްރޭކް ކުރިން އެންމެ ފޯމު ރަނގަޅުކޮށް ހުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ބާސާއިން ކުޅުނު އަށް މެޗުގައި 14 ގޯލް ޖަހައި ތިން އެސިސްޓް ފުރިހަމަ ކޮށްދީފައެވެ. ބާސާއިން އިންޓަނޭޝަނަލް ބްރޭކަށް ނުކުތީ ކުޅުނު އަށް މެޗުންވެސް މޮޅުވެފައި އޮވެގެންނެވެ.
ހަބަރުތައް ބުނެފައި ވަނީ ބާސާއިން ދެން ކުޅޭ ދެމެޗުވެސް ރަފީނިއާއަށް ގެއްލޭނެ ކަމަށެވެ. އެގޮތުން މިރޭ ގެޓާފޭއާ ދެކޮޅަށް ބާސާއިން ކުޅޭ މެޗާއި ޗެމްޕިއަންސް ލީގުގައި މިހަފުތާގައި ގަލަޓަސަރާއީއާ ދެކޮޅަށް ކުޅޭ މެޗު ރަފީނިއާއަށް ގެއްލޭނެކަން ޔަގީންވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އޭގެ އިތުރުންވެސް އަދި އިތުރު މެޗެއް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
ބާސާއިން މިމަހުގެ ފަހުކޮޅުގައި ޕީއެސްޖީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ނުކުންނަ އިރު، ދެން އެއަށްފަހު ކުޅެން އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. އެހެންކަމުން އެމެޗުތަކަށް ރަފީނިއާ ނެތި ނުކުންނަން ޖެހުން ވެގެންދާނީ ބާސާއަށް ބޮޑު މާޔޫސްކަމަކަށެވެ.
ރަފީނިއާގެ ފަލަމަސްގަނޑަށް އަނިޔާވީ ބްރެޒިލުން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އޮސްޓްރޭލިއާއާ ދެކޮޅަށް މިފަހަރު ދެމެޗު ކުޅެފައިވާ އިރު، އޭގެފަހުން ބްރެޒިލުން ކުޅުނީ އިންޑިއާއާ ދެކޮޅަށެވެ. އެހެންކަމުން މިފަހަރުގެ ބްރޭކުގައި ބްރެޒިލް ވަނީ ދިގު ދަތުރުތަކެއް ކޮށްފައެވެ.
އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ހާފު ނިމުނުތަނާ ރަފީނިއާ ބަދަލުކުރަން ޖެހިފައިވާ އިރު، އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ބާސާ ކޯޗު ހާންސީ ފްލިކް ވަނީ ބުނެފައިވެއެވެ. މިދިޔަ ސީޒަނުގައިވެސް އަނިޔާގެ ބައެއް މައްސަލަތަކެއް ކުރިމަތިވި ރަފީނިއާ، ގައުމީ ޓީމަށް ކުޅެން ދިޔުން އެއީ މައްސަލައެއް ނޫން ކަމަށް ފްލިކް ފާހަގަކުރި ނަމަވެސް، އޭނާ ބުނީ ބްރެޒިލުން އޮސްޓްރޭލިއާއަށް ގޮސް މެޗެއް ކުޅެން ޖެހުން އެއީ ކަންބޮޑުވުމެއް ކަމަށެވެ.
މި ސީޒަނަށް ބާސާއިން ގެންދަން މަސައްކަތް ކުރި ސްޓްރައިކަރު ހޫލިއަން އަލްވަރޭޒަށް އެތުލެޓިކޯ މެޑްރިޑުން ދޫ ނުދިނުމުން ބާސާއަށް ވަނީ "ނަމްބަރު ނުވައެއް"ގެ މަގާމަށް ކުޅުންތެރިޔަކު ހޯދަން އުނދަގޫވެފައެވެ. އެހެންކަމުން އެޓީމުން އެންމެ ފަހު ދުވަހު ގެންދިޔައީ ގެބްރިއަލް ޖީސަސްއެވެ. ރަފީނިއާ ސީދާ ސްޓްރައިކަރަކަށް ކުޅެމުންދިޔަ އިރު، އޭނާއަށް އަނިޔާވުމުން ބާސާއަށް މިހާރު އޮތް ޗޮއިސްއަކީ ޖީސަސްއެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ކޮމެންޓް